ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ އެންމެ ގިނަ ބަޔަކު ޙިއްޞާކުރެއްވި ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުންތައްކަން ކަމަށާއި، ރަސްމާލެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢެއް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާތެރޭގައި ފަށްޓަވަން ނިންމެވީ ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައޫސް މިހެން ވިދާޅުވީ ދަރުބާރުގޭގައި ރޭ ބޭއްވި "ކަންގަތި އެވޯޑް 2023″ ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަޝްރޫއު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދ އެމަޝްރޫޢު ކުރިޔަށް ގެންދަނީ ދިވެހި ދަޢުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް އަދި ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ސިޔާސަތުކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ އެންމެ ގިނަ ބަޔަކު ޙިއްޞާކުރެއްވި ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢެއް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާތެރޭގައި ފަށްޓަވަން ނިންމެވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ކަމުގައެވެ. އަދި އެމަޝްރޫއު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. ހަމަ މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫޢުތަކުން މުޅި ރާއްޖެއަށް ގެދޮރުވެރިކަމުގެ މައްސަލަ ދާއިމަށް ހައްލުގެނެސް ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެންކަމަށެވެ. އެގޮތުން އެމަނިކުފާނުވެސް ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ރަށަކަށް، ދައުލަތުގެ ވަޒީރުބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރީން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށް ސުވާލުކުރެވޭ ގޮތަށް، އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.