އިމާރާތްކުރުމުގެ ދާއިރާއަކީ އަންހެން ބޭފުޅުންގެ ބޮޑު އިންސައްތައެއް މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހޮޓެލް ޖެންގައި މިރޭ ބޭއްވި "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ މަސީއާ އަދި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިޔަށް އޮތް އަހަރުތަކުގައި މިދާއިރާގައި ދިވެހި ކަނބަލުންނަށް މިހާރަށް ވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސިޔާސަތުތައް ބައްޓަންކުރުން ކަމުގަ އެވެ.
މީގެ އިތުރުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ހަމައަށް ވާޞިލުވާނެ އަދި ދެވެންހުރި އެންމެ ފަހި ފުރުޞަތުތައް އެ އިންޑަސްޓްރީން ލިބިދެވެންޖެހޭކަމަށާއި އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އޮންނަ އިންކްލޫސިވް އިންޑަސްޓްރީއަކަށްވުންކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ބައެއް ސަރުކާރުގެ މަޝްރޫޢުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާކުރުން ނިމުމަކަށް ގެނައުމުގައި ވެސް ބުރަމަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި އެކަމުގައި ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ޤަވާޢިދުތަކާއި ޤާނޫނަށް ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާންނަން. އެވޯޑްކުރުމުގައި، ޕޮއިންޓްދިނުމުގައި ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަންވެސް ކުރާނަން
ރައީސް ވިދާޅުވީ ދިވެހިންގެ ޤައުމިއްޔަތު ކުރިއަރުވައި ވާހަކަދެއްކުމަކީ ފަންނުވެރިކަމާ ސިނާއަތްތައް ވެސް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެންދިއުން ކަމުގައެވެ.
އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" މި ޙަފުލާގައި ރައީސަށް ވަނީ އަރުވާފައެވެ. ރައީސަށް މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުޙައްމަދު އަލީ ޖަނާޙެވެ.