ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމައި ވޯޓަށް އަހަން ތާވަލު ކޮށްފައިވާ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތަކުގައި ތަޅުލައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އަހަން ތާވަލުކޮށްފައި ވަނީ މިއަދު 1:30 އަށެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރު މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތު އިންނަވާ ޗެމްބަރަށް ވަނީ އަރައިފަ އެވެ. މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެންބަރު ހުސެއިން ޝަހީމެވެ. އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ. ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރާ ތަކެތި ހިފައިގެން ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން މިވަގުތު މަޖިލީހުގެ ތަޅުމުގައި ހަޅުތާލު ކުރަމުން އަންނަ މެންބަރުންގެ ތެރޭގައި އެމްޑީޕީން ޕީއެންސީ އަށް އަލަށް ބަދަލުވި މެންބަރުން ހިމެނެ އެވެ.
އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ.
އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.