ކަނޑިތީމު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝަހީމަށް އަނިޔާވެ އޭޑީކޭއިން ފަރުވާދޭން ފަށައިފި އެވެ.
ވޯޓަށް އަހަން އޮތް ގަޑީގައި ޝަހީމު ހިމެނޭހެން ސަރުކާރު މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފަ އެވެ. މަޖިލީހުގެ ތަޅުމުގައި ހުންނެވި މެމްބަރަކު ހަމައެމްވީއަށް ވިދާޅުވީ ޝަހީމަށް އަނިޔާވީ ހިނގި ހަމަނުޖެހުމުގެ ތެރެއިން މަޖިލީހުގެ ޗެމްބަރަށް އެރުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހަމަލާދޭން އުޅެނިކޮށް އޭނާ ދުރުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭނާވަނީ މިހާރު އެންބިއުލޭންސްގައި އޭޑީކޭއަށް ގެންގޮސްފައިކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ވެސް އަސްލަމް ގޮނޑީގައި އިންނަވަނިކޮށް ޝަހީމު ވަޑައިގެން އޭނާ ކޮއްޕާލަން އުޅޭ މަންޒަރު ފެނެ އެވެ. އަދި އެހެން މެމްބަރުންތަކެއް ވެގެން ޝަހީމް އެ ސަރަހައްދުން ބޭރު ކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ޝަހީމުގެ ކަންފަތް ކައިރިން ލޭ އައިސްފައި ހުރި މަންޒަރު ވެސް ވީޑިއޯއަކުން ފެނެ އެވެ.
އަދި އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި ޝަހީމު ވަނީ މަޖިލީހުގެ ޗެމްބަރަށް އަރައި ރައީސްގެ ގޮނޑީގައި ވެސް އިންނަވާ މަންޒަރު ފެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމައި ވޯޓަށް އެހުން މިއަދު 1:30 އަށް ތާވަލު ކުރި އެވެ. އެހެން ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލސް ތަޅުމަށް ނުވަދެވޭގޮތަށް ތަޅުލާފަ އެވެ. އެހެންކަމުން އަދިވެސް މަޖިލީހުގެ ވޯޓަށް އެހުން ކުރިއަށް ވަނީ ނުގެންދެވިފަ އެވެ.
ޝަހީމަކީ ދާދިފަހުން އެމްޑީޕީއިން ވަކިވެ ޕީއެންސީއަށް ވަޑައިގެންނެވި މެމްބަރެކެވެ.