ރާއްޖޭގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައި ތިބި ވީޑީއޯ މިއަދު ސޯޝަލް މީޑީއާގައި އާންމުކޮށްފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާގެ ސިފައިން މިދިޔަ ބުދަ ދުވަހު އެރީ "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން މިއަދު ސޯޝަލް މީޑީއާގައި ހިއްސާކުރި ވީޑިއޯއިން ފެންނަނީ ބޭރުގެ ސިފައިންގެ ދެ މީހަކު ދިވެހި ދޯންޏެއްގެ މަތީބައިގައި ހަތިޔާރާއެކު ތިބޭ މަންޒަރެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ދޯނީގެ ކައިރީގައި އިންޑިއާ ސިފައިންގެ މަނަވަރު ވެސް ގާތްކޮށްފައި އޮތެވެ. އޭގެ ތެރެއިން އެކަކު ހުރީ ބަޑި ކޮޑުގައި އަޅުވައިގެންނެވެ. އިންޑިއާ ސިފައިން ހަތިޔާރާ އެކު ދޯނީގައި ތިބި އިރު ހުރިހާ ފަޅުވެރިން ތިބީ ދޯނީގެ ކޮޅަށް ނެރެ ބައިތިއްބައިފަ އެވެ. އަދި ތިން ދޯނީގެ ފަޅުވެރިން ވެސް ތިބީ އެގޮތަށް ބޭރަށް ނެރެފަ އެވެ.
https://twitter.com/FishermensUnion/status/1753290336535978020
އިންޑިއާ ސިފައިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ، ދިވެހި މަސް ދޯނިތަކަށް މިގޮތަށް އެރުމުން މަސްވެރިންނާއި އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޖަމާއަތުގެ މެންބަރު ތިން ދޯންޏަކަށް 31 ޖެނުއަރީ 2024 ދުވަހު ބޭރުގެ އަސްކަރިއްޔާއަކުން އަރައި، ބިރުދައްކައި، މުވާސަލާތުކުރަން ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް ބިރުދައްކާފައިވާ ކަމަށެވެ.
މި ޢަމަލަކީ މަސްވެރިކަމަށް ހުރަސް އެޅުންކަމަށާއި، އެހެންވެ އެ ޢަމަލަކީ ނުރައްކާތެރި، އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ބީކޭއެމްޔޫއިން ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ ފަހަކަށް އައިސް ބޭރުގެ ބޯޓުތަކުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރުން އިތުރުވެފައިވާތީ އެކަމާއި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.