ޝަހާދަތުގެ ދެކަލިމައަކީ ﷲގެ ޢަޒާބާއި އުގޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަކަމަށް ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފަވަނީ "ޝަހާދަތުގެ ދެކަލިމައާއި ޙަޔާތާ ހުރި ގުޅުން" މި މަޢުޟޫއަށެވެ.
ޚުތުބާގައި ބުނީ ޝަހާދަތުގެ ދެކަލިމަ އަކީ، އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގާ ކަމަށެވެ. އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރުކަމަށެވެ. އަދި މާތް ﷲ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަކަމަށެވެ.
ގުރުއާން ކިޔެވުމާއި ހަދީޘްތައް ކިޔުން އަހަރެމެންގެ ކިބައިގައި އަށަގަންނަން ބޭނުންވާ މީހާ ކޮންމެ ދުވަހަކު ތަކުރާރުކޮށް އެކަމެއް ކުރުން މަތީ ދެމިތިބުން މުހިންމުކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން މިސާލަކަށް ކޮންމެ ދުވަހަކު ފަސް މިނިޓު ގުރުއާން ކިޔަވަން އަދި ފަސް މިނިޓު ހަދީޘް ކިޔަން ހޭދަކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
މިގޮތަށް މަހެއްހާ ދުވަސް ހޭދަކޮށްފި ނަމަ އެކަން އިންސާނާގެ ކިބައިގައި އަށަގަތުން ވަރަށް ގާތް ކަމަށާއި މިކަމަށް އާދަވުމުން ކޮންމެ ދުވަހަކު ކިޔަވާ މިންވަރު މަދުމަދުން އިތުރު ކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެކަލިމައިގެ ޝަރުތުތައް އުނގެނުން ވެސް މުހިންމުކަމަށެވެ.
"މި ދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިޚްލާސްތެރިކަމާއެކު ގަބޫލުކުރުން، ދުލުން ކިޔައި، ހިތުން އިގުރާރުވާން ވާނެއެވެ. އަދި މިދެކަލިމަ މަތިވެރިކޮށް، މިދެކަލިމަ ލާޒިމްކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމު ވެގެންވެއެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، އަހަރެމެންގެ އަހްލާގީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާ ކުރެވިފައި ވުމަކީ ހަޔާތް ޝަހާދަތުގެ ދެކަލިމައާ ގުޅިފައި ވާކަމުގެ ނިޝާނެއް ކަމަށެވެ.