"ބިންވެރިޔާ" ސްކީމުން ގޯތި ދިނުމުގައި ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
4،000 ފުލެޓު ދޫކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެގެން އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގާ ގުޅޭ ސުވާލުތައް ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފައެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ބިންވެރިޔާ މަޝްރޫއުގެ ތެރެއިން ގޯތި ދިންއިރު އެއްވެސް ވަރަކަށް ނުގަވާއިދުން ގޯސްކޮށް ގޯތި ދީފައިހުރި ކަމަށް ފާހަގަވެފައިވޭތޯ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ހިނގަމުންދާ ކަންކަމާ ގުޅޭ މައްސަލަތަކެއް ވެސް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި، އެ މައްސަލަ އޭސީސީން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބިންވެރިޔާ ސްކީމްގެ ދަށުން ހިނގަމުންދާ ކަންތައްތަކުގެ ވެސް މައްސަލަތަކެއް އޭސީސީއަށް ހުށަހެޅިފައި ހުރީ. ދެން އޭގެ ތަހުގީގެއް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން މިވަގުތު،" ޝާމިލް ވިދާޅުވި އެވެ.
މާލޭ މީހުންނަށް ގޯތި ދޭން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން 18،955 މީހުން ވަނީ ގޯއްޗަށް ޝަރުތުހަމަވެފައެވެ.