ކްރިމިނަލް ކޯޓުން ހިފަހައްޓާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް ކޯޓުން މިއަދު ނިންމައިފިއެވެ.
އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާއިރު އެ މައްސަލާގައި އޭނާގެ ޕާސްޕޯޓް ތަހުގީގު މަރުހަލާއިން ފެށިގެން އޮތީ ހިފަހައްޓައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ގަތަރުގައި އޮތް އޭއެފްސީގެ ބައްދަލުވުމަކަށް ދައުވަތު ލިބިފައިވާތީ ޕާސްޕޯޓް ދޫކުރަން ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުން މިއަދު ބޭއްވި އަޑުއެހުމުގައި އެކަމަށް ދައުލަތުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެކަމަށް ދެކޮޅު ހެދީ އެފްއޭއެމްގެ ފަރާތުން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތުމާއި ބައްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާތީ ކަމަށެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ބައްސާމްގެ ފަރާތުން ހުށަހެޅި ކަންކަމާއި ދައުލަތުގެ ވާހަކަތަކަށް ރިއާޔަތްކޮށް، ބައްސާމްގެ ޕާސްޕޯޓް ދޫ ނުކުރަން ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.