ފެށުނީއްސުރެ ރައްޔިތުންގެ މަޖިލީހުން ޢަމަލުކުރަމުންދިޔަ ގޮތް ދެމިއޮންނަންޖެހޭ ކަމަށާއި މަޖިލީހުގެ ކޯރަމް ގުނަން ޖެހޭނީ ހުސްވި ދާއިރާތަކުގެ ގޮނޑިތައް ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަންގައި އަމުރެއް ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް އަމަލުކުރާތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، މަޖިލީހުގައި ކޮންމެ ދުވަހަކު ބާއްވާ ޖަލްސާތަކުގެ ކޯރަމް ބިނާވަނީ ގާނޫނުއަސާސީގެ އެ މާއްދާތަކަށް ކަމަށެވެ.
ވަގުތީ އަމުރެއް ނެރެން ތާއީދުކުރެއްވީ، ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އަމުރުގައި ބުނީ، މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީގެ އެ މާއްދާތަކާ ހިލާފު އިސްލާހުތަކެއް ކަމަށް ދައުލަތުން ބުނާއިރު، އެ މާއްދާތަކަށް އަމަލު ކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.
ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ރައުޔު ނެރުއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. އެ ފަނޑިޔާރުންގެ ރައުޔިގައި ބުނެފައިވަނީ މި ވަގުތު ވަގުތީ އަމުރެއް ނެރެދޭން ނުޖެހޭ ކަމަށެވެ. އެއީ، މަޖިލީހުން އެ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން މައްސަލަ ހުށަހެޅުމުންނެވެ.
މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން ފެށުނީންސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމުގައި ދެކޭ ކަމަށް މިއަދު އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވެ އެވެ.
"އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށްގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލުނުކުރުމަށް މި މައްސަލަ ބަލާ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލިހަށް އަންގަމެވެ." ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެ އެވެ.
މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަކީ ގާނޫނީ އަދަދު ކަނޑައަޅާ މާއްދާ އެވެ. އެ މާއްދާގެ ކ ގައި ބުނެފައި ވަނީ އެ ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ އަދަދު ގުނުމުގައި ބަލަންވާނީ އެ ވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބު މެމްބަރުންގެ އަދަދުން ކަމަށެވެ. އެމާއްދާގެ އ ގައި ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބު ނޫންގޮތަކަށް އެއްވެސް އިންތިޚާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއަށް މެމްބަރަކު އިންތިޚާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އިންތިޚާބީ ދާއިރާ ނުގުނޭނެ ކަމަށް ބުނެފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ނިންމާ ގިނަ ނިންމުންތައް ފާސްވާނެ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މީގެ ކުރިން ވެސް މަޖިލީހުގައި އަމަލު ކުރަމުން އައީ އެގޮތަށެވެ. މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ ނުވަތަ ކޯރަމަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސެންޓެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވުމާއެކު މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ވަނީ ދަށްވެފަ އެވެ. މިހާރު މަޖިލީހުގެ ޖުމްލަ އަދަދަކީ 80 މެމްބަރުންނެވެ.