މާލޭގައި ގިނަވެގެން އުޅޭ ބުޅާތައް ބޭތިއްބުމަށް ހެދުމަށް ނިންމާފައިވާ ކެޓް ޝެލްޓަ އެޅުމަށް ހަމަޖެހިފައިވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން މިމަޝްރޫއު މާލެ ސިޓީ ކައުންސިލާ ހަވާލުކޮށް މިއަދު ހުޅުމާލެ އިން ހަވާލުކޮށްފައިވަނީ 5،000 އަކަފޫޓުގެ ބިމެކެވެ.
މާލެ ސިޓީ ކައުންސިލާ މިދިޔަ ޖެނުއަރީ މަހު ހަވާލުކުރި މިމަޝްރޫއާ ގުޅިގެން ކެޓް ޝެލްޓް ހަދަން ހަމަޖެހިފައިވަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާ އަދި ކެޓް ޝޮޕެއް ވެސް ހިމަނައިގެންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކެޓް ޝެލްޓަރ ހެދި ނަމަވެސް ކުރިއަށް އޮތްތަނުގައި ދޫނި ފަދަ ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އެ މަޝްރޫއަށް ޖުމްލަ 18،000 އަކަފޫޓުގެ ބިމެއް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ކެޓް ޝެލްޓަރ ޤާއިމްވެގެން ދިއުމުން މާލެ ތެރޭގައި ބުޅާ ގިނަވާ މައްސަލައަށް ދާޢިމީ ޙައްލެއް ލިބިގެންދާނެ ކަމަށާއި އަމާޒަކީ ހަފްތާ14 ނިމުމުގެ ކުރިން ފެސިލިޓީ އަޅައި ޢާންމުންނަށް ހުޅުވާލުން ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ބުނެ އެވެ.