ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމާއި ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތަށް އަމުރު ނެރުއްވީ އެ އިސްލާހުތަކަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހުތަކެއްކަމަށް ވިދާޅުވެ، ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ސުޕްރިމް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރުމަށް އަމަލުުރަން ނުޖެހޭނެކަމަށް ނިންމާފައިވަނީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ ވޯޓާއެކު އެވެ. މިއދުގެ ޖަލްސާގައި މަޖިލިހުގެ އެއްވެސް މެމްބަރަކު އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައި ނުވެ އެވެ.
މި އިސްލާހާ ގުޅޭގޮތުން މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ ކޯޓުން މަޖިލީހުގެ މައްޗަށް މި އަމުރު ނެރުއްވާފައިވީ ނަމަވެސް އެ މައްސަލައިގައި ހިމެނޭ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފު ގަވާއިދެއްތޯ ކަނޑައަޅާފައިނުވާ ކަމަށެވެ.