ނެޝަނަލް މެޑިސިން ޕޮލިސީ އާންމުކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މި ޕޮލިސީ އެކުލަވާލާފައިވަނީ މިއަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށެވެ.
މި ޕޮލިސީ އަކީ ބޭސް ބޭނުންވާ މީހުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ފެންވަރު ރަނގަޅު ބޭސް އެކަށީގެންވާ އަގެއްގައި ލިބޭނެ ގޮތް މަގުފަހިކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޮލިސީ އެކެވެ.
މި ޕޮލިސީ އެންމެ ފަހުން އެކުލަވާލާ އާންމުކުރީ 2018 ވަނަ އަހަރު އެވެ.
އެމްއެފްޑީއޭ އިން ބުނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އޭރެއްގެ ހާލަތަށް ބެލުމަށްފަހު ޕޮލިސީ މުރާޖައާ ކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިހާރު ވަނީ ކަނޑައަޅުއްވާފަ އެވެ.
މިސިޔާސަތުގައި ހިމެނިގެން "ބަލްކް ޕްރޮކިއުމަންޓް ނިޒާމު" ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.