ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ފަހު ރުހުން ދިނުމަށްޓަކައި މަޖިލިހަށް ފޮނުވި މައްސަލައިގައި ސަރުކާރުން އެކަމާ ވިސްނުމަށް ގޮވާލައި މަޖިލިހަށް ގަރާރެއް ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އަދި މަޖިލިހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅައިފިއެވެ.
މަޖިލިހުން ރުހުން ނުލިބުނު ތިން ވަޒީރުންނަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
އީވާގެ ގަރާރުގައި ބުނެފައި ވަނީ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލިހުން ނިންމާފައި ވަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތިން ވަޒީރުން ވެސް މަގާމުތަކަށް އައްޔަން ކުރެއްވުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ބާރު ކަނޑުވާލައި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިހަށް ދީފައިވާ ބާރު ނިގުޅައިގެންދާ ފަދަ އަމަލެއް ކަމަށެވެ. މިއީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލިހަށް މަތިކޮށްފައިވާ ޒިންމާ އާއި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް ވެސް އީވާގެ ގަރާރުގައި ބުނެފައިވެއެވެ.
އެ ގަރާރުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުން ރުހުން ހޯދުމަކީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާ އިން ލާޒިމް ކުރާ ކަމެއް ކަމަށާއި މަޖިލިހުން ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ އެއްވެސް މެމްބަރަކަށް ވަޒީރުންގެ މަޖިލިހުގެ މެމްބަރު ކަމުގެ މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތް ކަމަށް ޑިސެންބަރު 9، 2010 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުންއެނގެން އޮންނަ ކަމަށެވެ.
މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނު ގައި މަޖިލީހުން ރުހުން ނުދީފިނަމަ އެ މީހަކު އެ މަގާމަށް ދެން އައްޔަނު ނުކުރެވޭނެ ކަމާއި އައްޔަނު ކޮށްފައިވާނަމަ ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު އެ މީހަކު އެމަގާމުން ވަކިވީ ކަން އީވާ ފާހަގަ ކުރެއްވިއެވެ. ތިން ވަޒީރަކު އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު އެއީ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވާ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ވެސް އީވާގެ ގަރާރުގައިވެއެވެ.
މިއީ ދިވެހި ދައުލަތާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމުން ގައުމުގެ މަސްލަަހަތު އިސްކޮށް އެކަންކަމާ މެދު އަލުން ވިސްނާ ވަޑައިގެން ގާނޫނު އަސާސީއަށް އިހްތިރާމްކޮށް ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށް އީވާގެ ގަރާރުގައި ބުނެފައިވެއެވެ.