ރަޖިސްޓްރީނުކޮށް ރާއްޖޭގައި ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވައިލަން، ކަމާ ގުޅޭ އުސޫލެއް ހަދައި، ދޮގު ޚަބަރު ފަތުރާ ވެބްސައިޓުތަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އިއްޔެ ނިންމައިފިއެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާ މިނެއްގައި ހުޅުވާލާފައި އޮތުމަށް ކަމުގައެވެ.
އެހެން ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފު ނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މި ކައުންސިލުން ބަލައިގަންނަ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލައި ހަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖްތަމައަށް ކޮށް ބައެއް މުހިންމު މައްސަލަތަކުގެ ހަގީގީ މައުލޫމާތު މީހުންނަށް ހަގީގަތް ސާފު ނުވާ ކަން އެ ކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ.
އެމްއެމްސީން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ތިން މީޑިއާއެއްގެ މައްސަލަ ބޮޑުވެ، ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. މީޑިއާ ކައުންސިލުން ބުނެފައިވަނީ، 3 ވެބްސައިޓްތަކާ ގުޅޭ ގޮތުން އެ ކައުންސިލަށް ލިބިފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން މިހާތަނަށް ވަނީ ފާހަގަ ކުރެވިފައި ވާކަމުގައެވެ. މީޑިއާ ކައުންސިލުން ފިޔަވަޅުއަޅަން ނިންމި ތިން ވެބްސައިޓަކީ:
- ދިޔަވަރު.ކޮމް
- ކުރުސީ.ކޮމް
- ދޮންއަމާ.ކޮމް
އެ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގި މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާކަން ފާހަގަކޮށް، އެމްއެމްސީގެ ބަޔާނުގައި ބުނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު މައުލޫމާތު އެ ތިން ވެބްސައިޓުގައި ވެސް ޝާއިއުކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެމްއެމްސީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
މީގެ އިތުރުން މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް މި ކައުންސިލްގެ ގިނަ މެންބަރުން ދެކޭކަމަށާއި، އެހެންވެ ކައުންސިލުން ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައ،ި ކަމާ ގުޅޭ އުސޫލެއް ހަދަން 14 ފެބުރުވަރީ 2024 ގެ ޖަލްސާއިނ،ް ފާސް ކޮށްފައި ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މިފަދަ ކަންކަން ތަކުރާ ރުކޮށް ކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުތަކާ އަދި ހެދިފައި ހުރި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.