މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފައިސާ ނުލިބިގެން މަސްވެރިން ކުރަމުން ދިޔަ އިހްތިޖާޖް މިދިޔަ ބުދަ ދުވަހު ހުއްޓާލައި ކުއްޑޫގެ މަސް ފެކްޓްރީގެ އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިފްކޯއިން މަސްވެރިންނަށް ބުދަ ދުވަހުގެ ރޭގެ ނިޔަލަށް 70 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި ބާކީ 30 މިލިއަން ހޯމަ ދުވަހުގެ ކުރިން ޖަމާވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް މަސްވެރި އާއިލާތަކުގެ ތަނަވަސްކަން އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ވީ އެންމެ އަވަހަށް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މަސްވެރިންނަށް ދޭން ޖެހިފައި ހުރި ފައިސާ ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވެވި އިރުޝާދާއި ކޮށްދެއްވި މަސައްކަތް އުފަލާއެކު ފާހަގަކުރާ ކަމަށެވެ.