ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން މިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ވައުދުވެވަޑައިގެންފަ އެވެ. މާ ގިނަ ދުވަހެއް ނުވެ މުސާރައަށް ބަދަލު ގެނަސް އަންނަ އަހަރުގެ ފުރަތަމަ މަހުން ފެށިގެން މުސާރަތައް ބޮޑުކުރަން މިވަނީ ނިންމައިފަ އެވެ. އެގޮތުން މީގެ ކުރިން 3،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ ކޮމިޓީ މެމްބަރުންނަށް 4،000 ރުފިޔާ ލިބޭނެ އެވެ. އަދި ސިޓިން އެލެވެންސްގެ ގޮތުގައި އެންމެ ގިނަވެގެން 2،000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ކޮމިޓީ ރައީސަށް 6،000 ރުފިޔާ އަދި ނައިބަށް 5،000 ރުފިޔާ ލިބޭނެ އެވެ. ސިޓިން އެލެވެންސް ރައީސަށާއި ނައިބަށްވެސް ލިބޭނެ އެވެ. ސިޓީތަކުގެ ކޮމިޓީ މެމްބަރުންގެ މުސާރަ މިއަށްވުރެއްވެސް ބޮޑެވެ.
އޭގެ ކުރިން ވަނީ ކައުންސިލްތަކުގެ މެމްބަރުންނަށްވެސް ވަނީ މުސާރަ ބޮޑުކޮށްފަ އެވެ. 30،000 ރުފިޔާއިން 10،000 ރުފިޔާއާއި ދެމެދު ކައުންސިލް މެމްބަރުންނާއި ރައީސާއި ނައިބުގެ މުސާރަވެސް ވަނީ މިވެރިކަމުގައި ބޮޑުކޮށްފަ އެވެ.
ކައުންސިލްތަކާއި ކޮމިޓީތަކަކީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެހެންކަމުން އެފަރާތްތަކުގެ މުސާރަތަކަށް ހެޔޮ ބަދަލެއް އައުމަކީ ލިބުނު ކުރިއެރުމެކެވެ. ރަށު ތަރައްގީއަށް އިތުރު މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއްވެސް މެއެވެ. އެހެންނަމަވެސް މިމަގާމުތަކާއި އެއްވަރަށް ސިވިލް ސާވިސްގައި ހިދުމަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ނުވެ އޮތުމަކީ ދެކޮޅު ނުޖެހޭ ކަމެއްކަމުގައި ދެންނެވުމުގެ ޖާގަ އެބަ އޮތެވެ.
ޒަމާނުއްސުރެއް އެންމެ ބޮޑު ޝަކުވާއެއް މިއޮންނަނީ މުދައްރިސުންގެ މުސާރައާއި ގުޅިގެންނެވެ. ހަގީގަތުގައި މުދައްރިސުން އެކަންޏެއްވެސް ނޫނެވެ. ސްކޫލުތަކުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މުސާރަތައްވެސް ހުރީ އެންމެ ހިތްހަމަޖެހޭ މިންވަރެއްގައެއް ނޫނެވެ. ސްކޫލުތަކުގެ މަސައްކަތު މުވައްޒަފުންގެ މުސާރައަކީ 3،000 ރުފިޔާ އެވެ. އިނާޔަތްތަކާއިއެކު އެންމެ ގިނަވެގެން 6،500 ރުފިޔާ އެވެ. ލައިބްރަރީ އެސިސްޓެންޓުންގެ މުސާރައަކީ 4،000 ރުފިޔާ އެވެ. އިނާޔަތްތަކާއިއެކު އެންމެ ގިނަވެގެން 7،500 ރުފިޔާ އެވެ. ސްކޫލުތަކުގެ އިތުރުން ސަރުކާރު ގިނަ އޮފީސްތަކުގެ އެޑްމިން މުވައްޒަފުންގެ މުސާރައަކީ 4،465 ރުފިޔާ އެވެ. އިނާޔަތްތަކާއިއެކު އެންމެ ގިނަވެގެން 8،000 ރުފިޔާ އެވެ. ސްކޫލުތަކުގެ ކައުންސިލަރުންނާއި ސިއްހީ އެހީތެރިންގެ މުސާރައަކީ 5،020 ރުފިޔާ އެވެ. އެލެވެންސްތަކާއިއެކު އެންމެ ގިނަވެގެން 9،000 ރުފިޔާ އެވެ. ކުޅިވަރު ދާއިރާއާއި އައިޓީ މުވައްޒަފުންގެ މުސާރަވެސް އެންމެ ގިނަވެގެން ހުންނަނީ 7،500 ރުފިޔާގަ އެވެ.
މުދައްރިސުންގެ މުސާރައަށް މިވޭތުވެދިޔަ އަހަރުތަކުގައި ކޮންމެވެސްވަރެއްގެ ހެޔޮ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެގޮތުން ޕްރައިމަރީ ޓީޗަރުންނަށް 7،000 ރުފިޔާ އާއި 12،000 ރުފިޔާއާއި ދެމެދުގެ މުސާރައެއް ވަނީ ދޭން ފަށައިފަ އެވެ. ސީދާ މުސާރަ ކަނޑައަޅަނީ ތައުލީމީ ފެންވަރަށް ބެލުމަށްފަހު އެވެ. ގުރުއާން މުދައްރިސުންގެ މުސާރަ 9،000 ރުފިޔާގައި ހުރިއިރު ސީދާ މުސާރަ ކަނޑައަޅަނީ މަސައްކަތުގައި ހޭދަކުރާ ވަގުތަށް ބެލުމަށްފަހު އެވެ. ސެކަންޑްރީ މާއްދާތަކުގެ ޓީޗަރުންގެ އެންމެ ބޮޑު މުސާރައަކީވެސް 12،000 އެއްހާ ރުފިޔާ އެވެ. އެއީ ޑިގްރީ ފެންވަރު ހުންނަ ނަމަ އެވެ. ފެންވަރު ދަށްނަމަ 7،000 ރުފިޔާއަށް މުސާރަ ކުޑަވެ އެވެ.
ތައުލީމީ ދާއިރާއަކީ ބޮޑު މަންޒަރުން ބަލާނަމަ އެންމެ މުހިންމު ދާއިރާ އެވެ. އެހެން ހުރިހާ ދާއިރާއެއްގެ މީހުން ބިނާވެގެން އަންނަނީ ތައުލީމީ ދާއިރާއިންނެވެ. ނަރުހުންނާއި ޑޮކްޓަރުންވެސް އުފެދެނީ ތައުލީމީ ދާއިރާއިންނެވެ. މަޝްހޫރު ކުޅުންތެރިންނާއި، ބޮޑެތި ސިޔާސީ ލީޑަރުންވެސް އުފެދެނީ ސްކޫލުތަކުން އުނގެނިގެންނެވެ. އެހެންކަމުން މުދައްރިސުންނާއި ސްކޫލުތަކުގެ އެކި މަގާމުތައް ފުރާ މުވައްޒަފުންނަކީ ހަގީގަތުގައި އެންމެ މުހިންމު ހިދުމަތްތެރިންނެވެ. އަނެއްކޮޅުން އެންމެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހެނީވެސް މިދާއިރާގެ މުވައްޒަފުންނަށެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބޭ ސިޔާސީ މަގާމުތައް ފުރާ މީހުންނަށް 25،000 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައި އެބަހުއްޓެވެ. ޑިރެކްޓަރު ފެންވަރުގެ އެފަދަ މަގާމުތަކަށް މީހުން އައްޔަން ކުރަނީ މާގިނަ ސަނަދުތަކެއް އޮވެގެންނެއް ނޫނެވެ. މިހާރުވެސް ބޮޑު މުސާރަ ލިބޭ ސިޔާސީ މީހުންގެ ތެރޭގައި އޯލެވެލް ފެންވަރު ނެތް މީހުންވެސް އެބަ ތިއްބެވެ. އެގްޒެކެޓިވް ކޯޑިނޭޓަރުންގެ ތެރެއިން ގިނަ މީހުންނަކީ ހެނދުނު ސައިން އިން ވެލާފައި ގެއަށް އަންނަ މީހުންނެވެ. މާ ގިނަ މަސައްކަތްތަކެއް ކުރާ ބައެއް ނޫނެވެ. ގިނަ މީހުން މަސައްކަތް ނިންމައިލަނީ ފޯނުންނެވެ. އެހެންނަމަވެސް މުސާރަ ލިބޭ މިންވަރު ކަނޑައަޅަނީ ސަނަދެއް އޮވެގެންނެއް ނޫނެވެ. މަސައްކަތުގައި ހޭދަކުރާ ވަގުތެއް ބެލުމަށްފަހުއެއްވެސް ނޫނެވެ.
ވަކި ބަޔަކަށް މުސާރަ ބޮޑު ކުރުމަކީ އެއްވެސް އިރެއްގައި މާބޮޑު މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އެންމެ މުހިންމު މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރުމަކީ މައްސަލައެކެވެ. މުސާރަ އެކުލަވައިލުމުގެ އޮނިގަނޑު ވަރަށް ބޮޑަށް ގަޑުބަޑުވެ މުޅި ނިޒާމު މިއޮތީ ތާކުން ތާކު ނުޖެހޭ ހާލަތުގަ އެވެ. ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަ ދީ ހިދުމަތްތެރިންގެ ޖީބު އަދިވެސް އޮތީ ހުސްކޮށެވެ. ދައުލަތް ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރައިން ކުއްޔާއި ބިލުތައް ދައްކާފައި ކޮފީއެއް ބޯނެ ލާރިވެސް ނޯވެ އެވެ.