މާވެލް ސިނަމެޓިކް ޔުނިވާސްގެ "ލޯކީ" ކެރެކްޓާއިން ފެންނަ ޓޮމް ހިޑްލްސްޓަން އަށް އެންމެ ކަމުދާ ހިންދީ ފިލްމަކީ ޝާހުރުކް ހާންގެ "ދޭވްދާސް" ކަމަށް އޭނާ ބުނެފި އެވެ.
މާވެލްއިން މިހާރު ސްޓްރީމް ކުރަން ފަށާފައިވާ ވެބް ސީރީޒް "ލޯކީ" ގައި ޓައިޓަލް ރޯލުން ޓޮމް ފެންނައިރު އޭނާ ކުޅެނީ ސެމީ ވިލަން ރޯލެކެވެ. ޓޮމްގެ ރޯލަށް މަރުހަބާ ކިޔަމުން ޝާހު ވަނީ ޓުވީޓެއް ކޮށްފަ އެވެ. އަދި އެއަށް ޓޮމް ވަނީ ރިޕްލައިވެސް ކޮށްފަ އެވެ.
އޭގެ ފަހުން އިންޑިއާގެ މީޑިއާއަކުން ޓޮމްއާއި ކުރި އިންޓަވިއުއެއްގައި ޝާހުއާއި ގުޅޭގޮތުން ސުވާލު ކުރުމުން ޓޮމް ބުނީ ވަރަށް ކުރިން "ދޭވްދާސް" ބެލި ހަނދާން ވާކަމަށެވެ. އެފިލްމު ބަލަން ދިޔައީ ސިނަމާއަށް ކަމަށާއި އެއީ އާދަޔާ ހިލާފު ފިލްމެއްކަމަށް ޓޮމް ބުންޏެވެ. އަދި އެފަދަ އެހެން ފިލްމެއް އަދި ނުބަލާކަމަށްވެސް ޓޮމް ބުންޏެވެ.
ސަންޖޭ ލީލާ ބަންސާލީ އުފައްދައި ޑައިރެކްޓު ކުރި "ދޭވްދާސް" ރިލީޒްވީ 2002 ވަނަ އަހަރު އެވެ. ޝާހުގެ އިތުރުން އެފިލްމުގެ މުހިންމު ރޯލުތަކުން މާދުރީ ދިކްޝިތު އާއި އައިޝްވާރިޔާ ރާއީ ފެނިގެން ދިޔަ އެވެ. އެއީ 2002 ވަނަ އަހަރު ނިކުން އެންމެ ކާމިޔާބު އެއް ފިލްމެވެ. ގިނަ އެވޯޑުތަކެއްވެސް ހާސިލްކުރި އެފިލްމަކީ އިންޑިއާގެ ބޮކްސް އޮފީސް ތާރީހުގައި ވިޔަފާރީގެ ގޮތުންވެސް އެންމެ ރަނގަޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.
ޓޮމް ހިޑްލްސްޓަން މީގެ ކުރިން ވަނީ މާވެލްގެ "ތޯރް" ސީރީޒްގެ ފިލްމުތަކުގެ އިތުރުން "އޭވެންޖާޒް" ސީރީޒްގެ ފިލްމުތަކުންވެސް ފެނިގެން ގޮސްފަ އެވެ. މިހާރު ސްޓްރީމް ކުރަން ފަށާފައިވާ "ލޯކީ" ގެވެސް މަގުބޫލުކަން ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެ އެވެ.
+1
+1
+1
+1
+1
+1