ރާއްޖޭގެ ތާރީހު ހެކިދޭ ގޮތުގައި ސަރުކާރެއް އިންތިހާބުވުމަށްފަހު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ތާއީދު އެ އޮންނަ ސަރުކާރަކަށް ކުޑަވެގެން ދެ އެވެ. އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީތަކުގެ އިންތިހާބުގައި ކާމިޔާބުވި އެމްޑީޕީގެ ވެރިކަން ނިމިދިޔައީ މިފަދައިން މިދެންނެވި ފަދައިން ތާއީދު ނެތުމުންނެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ދައުރު ނިމި ދެވަނަ ދައުރަށް ވާދަކުރައްވައި ބޭއްވި އިންތިހާބުގައިވެސް ފެނުނީ ހަމަ މި މަންޒަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަން ހިނގާގޮތް މުޅިން އެއްގޮތް ނޫންނަމަވެސް މީގެ ކުރީގެ ހާލަތުތަކާއި ދާދި އެއްގޮތް ކަންތައްތަކެއް އެބަ ހުއްޓެވެ. ވެރިކަމުގެ ދައުރު ދެބައި ވެފައިވާއިރު ރައްޔިތުންގެ ތާއީދު މިވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. އެމަންޒަރު އިދިކޮޅު ކޯލިޝަނުން ވަނީ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގައި ދައްކުވައިދީފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރޭގެ ޖަލްސާއަށް އެތައް ހާސް މީހުންނެއް ކާނިވާ ސަރަހައްދަށް ޖަމާވެ، އިދިކޮޅުން ވަނީ ޖަލްސާ ކުރިއަށް ގެންގޮސްފަ އެވެ.
ރޭގެ ޖަލްސާއަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވާތީކަމުގައި އިދިކޮޅުން ސިފަކުރެ އެވެ. އަދި އިންޑިއާގެ އަޅުވެތިކަމުގެ ތެރެއަށް ރާއްޖެ ދޫކޮށްލަން ސަރުކާރުން ކުރާ މަސައްކަތާއި ދެކޮޅަށް ރައްޔިތުން ތެދުވާކަމުގެ ހެކި ރޭ ފެނިގެން ގޮސްފިކަމަށް އިދިކޮޅުން ބުނެ އެވެ. ރައީސް ޔާމީން ނުހައްގުން ޖަލުގައި ބަންދުކުރުމަކީވެސް ޖަލްސާއަށް ގިނަ ބަޔަކު ދިޔަ ސަބަބެއްކަމަށް އިދިކޮޅުން ބުނެ އެވެ.
އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް މި ސަރުކާރަށް ތާއީދު ކުޑަވުމުގެ އެންމެ ބޮޑު ސަބަބަކީ ވައުދުތައް ނުފުއްދުން ކަމުގައި ބެލެވެ އެވެ. ރައީސް ސޯލިހުގެ ސަރުކާރަކީ ރާއްޖެ މިހާތަނަށް ދުށް އެންމެ "ސްލޯ" ސަރުކާރުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. ފަހަރުގައި މިގޮތަށް ގިނަ ބަޔަކު ސިފަކުރަނީ ރައީސް ޔާމީންގެ ހަލުވި ތަރައްގީއާއި އަޅާ ކިޔުމަށްފަހުގައި ކަމަށް ވެދާނެ އެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އިންތިހާއަށް މުހިންމު އެތައް ވައުދެއް ވެވަޑައިގެންނެވެ. އެހެންނަމަވެސް މިހާރު ސަރުކާރުގެ ބަސްމަގު ހުރިގޮތުން އެހުރިހާ ވައުދެއް އެންމެ ދައުރެއްގެ ތެރޭގައި ފުއްދުމަކީ ވާނެ ކަމެއް ނޫނެވެ. ވައުދާއި ހިލާފު ވުމަކީ މުނާފިގުންގެ ސިފައެއް ކަމަށް ބުނެ އުޅެ އެވެ. އެއް ދައުރުގެ ތެރޭގައި ފުއްދުމަށް ވައުދުވި ކަންކަން އިތުރު ދައުރެއް ދީގެން ނޫނީ ފުރިހަމަ ނުވާނެކަމަށް ބުނުމުން އެކަން ގަބޫލުކުރަންވެސް އުނދަގޫވެ އެވެ.
ސަރުކާރަށް އޮތް ތާއީދު ކުޑަވުމުގެ މައިގަނޑު އަނެއް ސަބަބަކީ ރައީސް މުހައްމަދު ނަޝީދާއި ފެއަށް ސަރުކާރު ޖެހުމެވެ. ޝައްކެއްވެސް ނެތް ގޮތުގައި ރާއްޖޭގައި އެންމެ ތާއީދު ބޮޑު ސިޔާސީ ޝަހުސިއްޔަތުންގެ ލިސްޓުގެ ކުރިއަށް ރައީސް ނަޝީދު އަންނާނެ އެވެ. މި ލިސްޓުގައި ރައީސް ސޯލިހުގެ ނަން އަންނާނީ ތަންކޮޅެއް ފަހަތުންނެވެ. ވެރިކަމުގައި ހުންނެވިނަމަވެސް ރައީސް ސޯލިހަށް ރައްޔިތުންގެ ތާއީދު އޮތީ ރައީސް ނަޝީދުގެ ސަބަބުންނޭ ދެންނެވުން ކުށަކަށް ނުވާނެ އެވެ. ސިޔާސީ ގޮތުން މިހާރު އުފެދިގެން އުޅޭ ހިޔާލު ތަފާތުވުންތަކާއިއެކު ރައީސް ސޯލިހާއި ރައީސް ނަޝީދު ވަކިވެވަޑައިގެންނެވުމުގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ބޮޑު ބައެއް މި ސަރުކާރަށް ތާއީދު ކުރަން އެބަ ޖެހިލުންވެ އެވެ.
އިންޑިއާގެ "އަޅުވެތިކަމަކީ" އަނެއް ސަބަބެވެ. ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމާއި، އިންޑިއާއަށް ރާއްޖޭގެ ބިންތައް ދިނުމާއި، ބޮޑެތި އަދަދުތަކުން އިންޑިއާއަށް ދަރަނިވެރިވަމުން ދާ މަންޒަރު މިދަނީ ފެންނަމުންނެވެ. ހަގީގަތުގައި ސަރުކާރަށް މިކަންކަމަށް ޖަވާބުދާރީ ނުވެވުމަކީ ސަރުކާރުގެ ނަޒާހަތްތެރިކަމާއިމެދު ސުވާލު އުފެދޭ ކަމެކެވެ. އިންޑިއާ ސަރުކާރާއިއެކު ސިއްރު އެއްބަސްވުންތައް ހެދުމާއިއެކު އޭގައިވާ ކަންކަން ހާމަކުރަން ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު ދަނީ އިންޑިއާ ސިޔާސަތާއި ދެކޮޅު ހަދަމުންނެވެ.
ރޭ ކާނިވާ ސަރަހައްދުން ފެނިގެން މި ދިޔައީ ސިޔާސީ ކުޅިބައި ބަދަލުވަމުންދާ ކަމުގެ ފުރަތަމަ މަންޒަރަށް ވުން އެކަށީގެން އެވެ. 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަ ކުރައްވައިފިނަމަ ކުޑަ ތާއީދަކުން އިންތިހާބުން ބަލިވާނެކަމަށް މިހާރުވެސް ލަފާކުރެވެ އެވެ. ހާއްސަކޮށް މިހާރު ސިޔާސީ މަޝްރަހު މި އޮތްގޮތުން ރައީސް ނަޝީދާއި ދެކޮޅު ހައްދަވައިގެން ރައީސް ސޯލިހަށް އެއްވެސް އިންތިހާބެއްގައި ކުރި ހޯއްދެވިދާނެ ކަމަކަށް ނުފެނެ އެވެ. އެހެންނަމަވެސް މީގެ އަނެއް ކޮޅުވެސް އެބަ އޮތެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނަމަ ދެން ވާނެ ގޮތެއްވެސް ނޭނގެ އެވެ. އިދިކޮޅުންވެސް ރައްޔިތުންނަށް ދައްކަން ޖެހޭނީ މުޅިން އާ މޫނެކެވެ. އެއީ ސިޔާސީ ދާއިރާގައި ކިހާ ވަރުގަދަ ޝަހުސިއްޔަތެއްތޯ ރައްޔިތުން މިނެ ކިރާނެ އެވެ. ކޮންމެއަކަސް ރޭގެ އައްޑަނަ ޖަލްސާ ވެގެން މި ދިޔައީ ރައީސް ސޯލިހަށް ދިން މެސެޖަކަށެވެ.