މިއަދަކީ ޓީޗަރުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް އަހަރުމެން ފާހަގަކުރަނީ ޓީޗަރުން ކޮށްދޭ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އުފާވެރި ވަގުތުކޮޅެއް އެޓީޗަރުންނަށް ހޯދައިދިނުމަށްޓަކައެވެ.
އެހެންނަމަވެސް ޓީޗަރުން އެކުރާ ބުރަ މަސައްކަތް މިކަހަލަ އެންމެ ދުވަހަކު ފާހަގަކޮށްލައިގެން ނިންމާލެވޭކަށް ނެތެވެ. ބައެއް ބެލެނިވެރިންގެ ނަޒަރުގައި ޓީޗަރުންގެ ދުވަހު އަގު ބޮޑު ހަދިޔާ އާއި އަގުބޮޑު ދަތުރުތައް ދިނުމުން ޓީޗަރުން އެކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކޮށްލެވުނީއެވެ.
ނަމަވެސް މިވަރަކުން ނިންމާލާކަށް ނުވާނެ ނޫންތޯއެވެ. ގެއިން ނިކުމެގެން އަހަރުމެންނާއި ދުރުގައި ދަރިން އެންމެ ގިނަ ވަގުތު ހޭދަކުރަނީ ޓީޗަރުންގެ ގާތުގައެވެ. އަހަރުމެން ގޭގައި ކިޔަވައިދޭ ނުވަތަ ދޭ ތަރުބިއްޔަތުގެ އިތުރުން އުޅެންވީ ގޮތާއި ރީތި އަހުލާގު ދަސްކޮށްދެނީ އެ ޓީޗަރުންނެވެ. ވާހަކަދައްކާނެ ރީތި ގޮތާއި ރީތި އާދަތައް ކޮންމެ ދުވަހަކު އެ ކިޔައިދެނީ ހީވާގި ޓީޗަރުންނެވެ.
"ޓީޗަރުންނަށް ހަދިޔާއެއް ދިނުމެއް ގޯހެއްނޫން. އަހަރެންގެ ނަޒަރުގައި އެއީ އަހަރުމެންގެ ދަރިންނަށް މުސްތަގުބަލު ހޯދައިދިނުމަށް އެކުރާ ބުރަ މަސައްކަތުގެ ބަދަލެއްގެ ގޮތުގައި މިހެން އަދިދޭ އެންމެ ހަދިޔާއެއް ނުވެސް ގުނާނެ ދޯ". ނާސަރީ ކުއްޖެއްގެ ބެލެނިވެރިއަކު ބުންޏެވެ.
ޓީޗަރުން އެކުރަނީ ހާދަ ބުރަ މަސައްކަތެކެވެ. ޓީޗަރުން ދެކެ ލޯބިވާންވީ އަބަދުގެ އަބަދަށެވެ. އަހަރުމެންގެ ދަރިން މީހުނަށް ހަދަނީ އެ ކުޅަދާނަ އެދުރުންނެވެ. އެދުރުންނަށް އައްސަރިބަހާއި ސާބަސް ހައްގު ނުވޭތޯއެވެ.
" އަހަރެންނަކީ މީ ގްރޭޑް 9ގެ ދަރިވަރެއް. ސުކޫލްގައި މިވީ ނުވަ އަހަރު ޓީޗަރުންގެ ފަރާތުން ވަރަށް ބައިވަރު އެއްޗެހި ދަސްވެއްޖެ. ހަގީގަތަށް ބުނަންޏާ ދިރިއުޅުމެއްގައި މީހަކަށް ދަސްކުރަންޖެހޭ އެނގެންޖެހޭ ހުރިހާ އެއްޗެއް އަހަރުމެންނަށް މި އިނގެނީ ސުކޫލް ދައުރުގައި ޓީޗަރުން އެ ދަސްކޮށްދޭ އެއްޗެހިން". ސުކޫލް ކުއްޖަކު ބުންޏެވެ.
ޓީޗަރުން. އަހަރުމެން އަގު ވަޒަން ކުރަންވީ އަގުބޮޑު ހަދިޔާއެއް ދީގެނެއް ނޫނެވެ. އުފަލާ ޝުކުރާއެކު އެ ޓީޗަރުން އެ ކޮށްދޭ ބުރަ މަސައްކަތް ބަލައިގަންނަކަން ދައްކަންވީ އަމަލުންނެވެ. ޝުކުރު އަދާކުރަންވީ ހަމައެކަނި ކާމިޔާބެއް ލިބުމުންނެއް ނޫނެވެ. ކުދިން ކުރާ ކަންކަމުގެ ޒިންމާ އަޅުވާ ބަދުނާމު ކުރަންވީ ނޫނެވެ.
ތިމާގެވެސް އަމިއްލަ ޒިންމާއެއް އޮވެ ދަރިންނަށްޓަކައި އެ ޓީޗަރުންގެ އާއިލާ އާއި ދަރިން ދޫކޮށް އަހަރުމެންގެ ދަރިންނަށް އުގަންނައި ދިނުމުގައި ހަތަރު ދަމު ހޭދަ ކުރާތީ ޝުކުރު އަދާ ކުރަންވީ އުފަލުންނެވެ. މިއަދު އެޓީޗަރުން އެ އަދާކުރަނީ ދެވަނަ މަންމައެއް ނުވަތަ ބައްޕައެއްގެ ރޯލު ނޫންތޯއެވެ. ޓިޗަރުންނަށް ދޭންވީ ހައްގުޝުކުރެވެ. އަދާކުރަންވީ އެންމެ ފުރިހަމަ އިހުތިރާމެވެ.