މާލޭގެ އިމާރާތަކުން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމާ ހަމައަށް އޭނާއާ އެކު އެންމެ ގާތުގައި އުޅުނު ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލު 21، ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރު ކުރީ މިއަދު އިރުއޮއްސި 18:20 ގައި ކަމަށެވެ.
ފުލުހުން ވަނީ މީގެ ކުރިން ރައުދުގެ ފޯނާއި ޕާސްޕޯޓް ވެސް މިހާރު ހިފަހައްޓާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ،ޔުމްނު ވެއްޓުނު ހާދިސާގައި އެގޭގައި އޭނާއާއެކު އުޅުނީ ރައުދު ކަމަށެވެ. ރައުދު އާ ކުރި ސުވާލުން އެރޭ އެ މީހުންނާއެކު އިތުރު 7 މީހަކު އުޅުނު ކަމަށާއި އެމީހުން ދެނެގަނެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޔުމްނު 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހާދިސާ ހިނގި އިރު އެތަނުގައި ހުރީ ރައުދު އެކަނި ކަމަށާއި ދެން ތިބި މީހުންނާ ހުރި ގުޅުން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް މިއަދު ޝުޖާއު ވިދާޅުވިއެވެ.
ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.