ޑަކުއްޖަކަށް ގޯނާކުރުމުގެ ތުހުމަތުގައި ފުލުހުން އަންހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ބަލަމުންދާ މައްސަލައެއްގައި ހޯދަމުންދަނީ ސ.ފޭދޫއަށް ނިސްބަތްވާ ރެޑްރޯސް ގޭ އުމުރުން 34 އަހަރުގެ އާމިނަތު ނުޞްރަތު އެވެ. ފުލުހުން އޭނާ ހޯދުމަށް އިއުލާނުކޮށްފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. ނަމަވެސް އެ އަންހެންމީހާ ހޯދަނީ ސީދާ ކޮން މައްސަލައެއްގައިކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އޭނާ ހޯދަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. އާމިނަތު ނުސްރާ ހޯދުމަށް ފުލުހުން ނެރެފައިވާ ނޯޓިހުގައި ބުނެފައިވަނީ، މިހިނގާ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުގެ 14:00 އަށް ސާޖެންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވާން ޖެހޭ ކަމަށެވެ.