ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކަކީ މުޅިން އަސާސެއް ނެތް ދޮގު ޕޯސްޓުތަކެއް ކަމަށާއި މައުލޫމާތު ހޯދަން ނުވަތަ ތަހުގީގާ ގުޅޭގޮތުން މިހާތަނަށް ވެސް ތަހުގީގީ އިދާރާގެ ތެރެއިން ނުވަތަ ސަރުކާރުގެ ތެރެއިން ވެސް އެއްވެސް މީހަކަށް ގުޅައި، ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނު ވިދާޅުވެއްޖެ އެވެ.
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21،ގެ މައްސަލާގައި ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ އަމީނު މިރޭ ދޮގު ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވަގުތެއްގައި އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން ވިދާޅުވި އެވެ.
އެ ގެއަކީ މއ. މާންދޫގޭދެކުނުގެ އެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ 12:30 ހާއިރު ޔުމްނު އާއި އިތުރު ހަ މީހުން ދަންވަރު 3:40 ވަންދެން ތިބި ކަމަށް ފުލުހުން ބުނި ގެ އެވެ.
އަމީން ވިދާޅުވީ އެ ހާދިސާގައި އޭނާގެ ދެ ކޮއްކޮއަކާ ސުވާލުކުރަން އެ ދެ މީހުން ފުލުހަށް ގެންދިޔަ ކަމަށާއި އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގެންނެވީ ވެސް އެކަން ހިނގިދުވަހުގެ ހަވީރުގެ ވަގުތުގައި ކަމަށެވެ.
އަދި ގާނޫނު ތަންފީޒުކުރުމަށް އޭނާ ހުރަސްއަޅުއްވާފައި ނުވާނެކަމަށް ވިދާޅުވި އެވެ.
ފުލުހުން ހާމަކުރިގޮތުގައި، ވެއްޓުނު އަންހެން ކުއްޖާއާއެކު 21 އަހަރުގެ ފިރިހެނެއް ހުރިކަމަށާއި، އޭނާ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތަޙުޤީޤަށްޓަކައި މި ފިރިހެނާގެ ޕާސްޕޯޓް ހިފަހައްޓާފައިވީނަމަވެސް، އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި، ވެއްޓުނު އަންހެން ކުއްޖާއާއެކު ހުރި ޒުވާނާއަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރައުދު އަހުމަދު ޒިލާލެވެ.