ތިނަދޫ ސިޓީގައި އިމާރާތްކުރަމުން ދާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ތިނަދޫ ސިޓީ ކައުންސިލުން ހުޅުވާލީ ހައުސިން މިނިސްޓްރީގެ ހުއްދަ ނުހޯދާކަމަށާއި، އެ އިއުލާން ބާތިލު ކުރަން އެންގުމުންވެސް ކައުންސިލުން އެފަދައިން އަމަލުކޮށްފައި ނުވާކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިން ޔުނިޓުތައް ހަވާލުކުރެވޭނީ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަދޭ އުސޫލުތަކާ އެއްގޮތަށް ކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަކީ އެ މިނިސްޓްރީގެ ދަށުން އިމާރާތް ކުރަމުންދާ ހައުސިން ޔުނިޓްތަކެއް ކަމަށެވެ. އަދި މި ޔުނިޓްތައް ދޫކުރުމަށް އިއުލާން ކުރުމުގެ ކުރިން ހައުސިން ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލް ކުރަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖެނުއަރީ 29، 2025 ގައި ތިނަދޫ ކައުންސިލުން މިނިސްޓްރީގެ ހުއްދަ ނެތި ހައުސިން ޔުނިޓު ދޫކުރުމަށް އިއުލާނު ކޮށްފައި ވާކަމަށާއި، އެކަމާ ގުޅިގެން 30 ޖެނުއަރީގައި އެ އިއުލާން ބާތިލު ކުރުމަށް ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. އަދި ޔުނިޓުތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު އެންޑޯސް ކުރުމަށް މިނިސްޓްރީ އަށް ހުށަހެޅުމަށްވެސް އަންގާފައިވާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ނަމަވެސް މިނިސްޓްރީ އިން ފާހަގަކުރި ގޮތުގައި ތިނަދޫ ކައުންސިލުން މިނިސްޓްރީ އިން އަންގާފައިވާ ގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ. އެއާއެކު މިނިސްޓްރީ އިން ވަނީ އެ އިއުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއެކު ހައުސިން ޔުނިޓުތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށް ފަހު ވީ އެންމެ އަވަހަކަށް އިއުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.