މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދާދޭން ގޮވާލާ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމަތީގައި ގިނަ ޒުވާނުންތަކެއް މިރޭ ވެސް މުޒާހަރާ ކޮށްފި އެވެ.
ޔުމްނު ވެއްޓުނީ މިދިޔަ ހުކުރު ދުވަހުއެވެ. ރޭ ވެސް އެމައްސަލައިގައި ގިނަ ޒުވާނުންތަކެއް އެތަނުގައި މުޒާހަރާ ކުރި އެވެ.
ރެއާ ޚިލާފަށް ފުލުހުން މިރޭ ވަނީ ޕޮލިސް ސްޓޭޝަނާ ކައިރި ނުވެވޭ ގޮތަށް އެ ސަރަހައްދުގައި ބެރިކޭޑް ޖަހައިފަ އެވެ. އެހެންވެ މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދިޔައީ ބެރިކޭޑްގެ ބޭރުންނެވެ.
ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ފުލުހުން މިހާރު ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. އޭނާއަކީ އެރޭ އެހާދިސާ ހިނގިވަގުތު ޔުމްނުއާއި އެކީ ހުރި މީހާއެވެ.
މިރޭގެ މުޒާހަރާގައި ބައިވެރިން ވަނީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށްވެސް ވަނީ ގޮވާފަ އެވެ.