މިދިޔަ އޯފަސްޓު މަހު މީރާއަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ބުނެފި އެވެ.
މީރާއިން އާންމުކުރި ތަފާސް ހިށަބުތައް ދައްކާ ގޮތުން މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެއް 25.4 އިންސައްތަ ދަށް އަދަދެކެވެ. މީރާއިން ވަނީ މިއަދަދަށްވުރެއް 3 އިންސައްތަ އިތުރަށް ލިބޭނެ ކަމަށް ލަފާވެސްކޮށްފަ އެވެ.
މީރާއިން ބުނީ މިދިޔަ އަހަރަށްވުރެއް މިއަހަރު، އޯގަސްޓުމަހުގެ އާމްދަނީ ދަށަށް ދިޔައީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ. އެއީ 53.8 އިންސައްތައަށްވާ 685.41 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 24 އިންސައްތައަށްވާ 305.27 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއަން ރުފިޔާ، ވޯކް ޕާމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 133.42 މިލިއަން ރުފިޔާވެސް ވަނީ ލިބިފަ އެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ޑޮލަރުގެ ގޮތުގައި ލިބުނީ 36.92 މިލިއަން އެމެރިކާ ޑޮލަރެވެ.