މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ގިނަ ސަރަހައްދުތަކެއްގައި ފިހާރަތައް ހުޅުވުމާއިއެކު އެގައުމުގެ އިގްތިސޯދު ރަނގަޅުވާން ފަށައިފި އެވެ.
އެގޮތުން އޭޕްރީލް މަހު އެގައުމުގެ އިގްތިސޯދަށް ވަނީ 2.3 އިންސައްތައިގެ ކުރިއެރުމެއް އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުން މިވަރުގެ ކުރިއެރުމެއް އިނގިރޭސިވިލާތުގެ އިގްތިސޯދަށް ލިބުނު ފުރަތަމަ ފަހަރެވެ.
އިންގިރޭސިވިލާތުގައި އޭޕްރީލް މަހުގެ ކުރިންވެސް ބައެއް އަސާސީ ތަކެތި ވިއްކާ ފިހާރަތައް ހުރީ ހުޅުވައިފަ އެވެ. އެހެންނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވުމާއިއެކު އިލެކްޓްރޯނިކް ސާމާނާއި ސައިކަލާއި ކާރު ފަދަ ތަކެތި ވިއްކާ ފިހާރަތައް ހުޅުވީ އޭޕްރީލް މަހު އެވެ. މިއާއެކު ކާރުފަދަ ތަކެތީގެ ވިޔަފާރި ވަނީ ރަނގަޅުވެފަ އެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް ސްޓެޓިސްޓިކްސް އާއިބެހޭ އިދާރާއިން ބުނީ އޭޕްރީލް މަހުގެ ތެރޭގައި ކެފޭ ރެސްޜޯރެންޓުތަކުގެ ވިޔަފާރިވެސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. ކޮވިޑުގެ ނަމްބަރުތައް ދަށަށް ދާން ފެށުމާއިއެކު އެގައުމުގައި ދިން ލުއިތަކުގެ ސަބަބުން މީހުން ތަންތަނަށް ޒިޔާރާތް ކުރާ މިންވަރު އިތުރުވެފައިވާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
އޭޕްރީލް މަހު އިގްތިސޯދު ކުރިއަށް ޖެހިލި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ފެށުމުގެ ކުރިން އެގައުމުގެ އިގްތިސޯދު އޮން މިންވަރަށްވުރެއް 3.7 އިންސައްތަ އަދިވެސް އޮތީ ފަހަތުގަ އެވެ.
އިނގިރޭސިވިލާތުގެ އިންތިސޯދު އެންމެ ބޮޑަށް ދަށަށް ދިޔަކަމަށް ރިޕޯޓު ކުރެވުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެމަހު ގާތްގަނޑަކަށް 18- އިންސައްތައަށް އިގްތިސޯދު އަޑި އަޅައިލި އެވެ. އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި 8 އިންސައްތައަށް އިގްތިސޯދު ކުރިއަށް ޖެހިލި އެވެ. އޭގެ ފަހުން އޯގަސްޓު މަހުގެ ފަހުކޮޅު 2 އިންސައްތަ އަށް އަނެއްކާވެސް ވެއްޓުމަށްފަހު އޭޕްރީލް މަހާއި ޖެހެންދެން އިގްތިސޯދު އެއަށްވުރެއް ކުރިއަކަށް ނާރަ އެވެ.
+1
+1
+1
+1
+1
+1