ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ފޭސްބުކް އިން ސްމާޓް ވޮޗް އެއް ނެރެން މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރަސްމީކޮށް މިކަން ހާމަކޮށްފައި ނުވިނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަންނަ އަހަރުގެ ތެރޭގައި ފޭސްބުކްއިން ސްމާޓް ވޮޗެއް ނެރޭނެ އެވެ.
އެ ސްމާޓް ވޮޗްގެ ބައެއް މައުލޫމާތުވެސް މީޑިއާތަކުގައި ވަނީ ގެނަސްދީފަ އެވެ. އެގޮތުން އެ ގަޑީގައި ދެ ކެމެރާ ހިމެނޭނެ ކަމަށާއި އޭގެން ހިތުގެ ވިންދު މޮނީޓާ ކުރެވޭނެ ފީޗާއެއްވެސް ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ގަޑި ރިސްޓު ބޭންޑާއި ވަކިކޮށްލައި ފޮޓޯއާއި ވީޑިއޯ އެއަށް ރެކޯޑު ކުރެވޭނެ ކަމަށާއި އެތަކެތި ފޭސްބުކްއާއި އިންސްޓަގްރާމަށްވެސް އަޕްލޯޑު ކުރެވޭނެ އެވެ. ކުރިމަތީގައި އިންނަ ކެމެރާ ހާއްސަ ކޮށްފައިވަނީ ވީޑިއޯ ކޯލް ކުރުމަށެވެ. އަދި ފަހަތުގައި އިންނަ ކެމެރާ އިން 1080 ޕިކްސެލްގައި ވީޑިއޯ ރެކޯޑު ކުރެވޭނެ އެވެ. އެކެމެރާގައި އޮޓޯ ފޯކަސްވެސް ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސެމްސަންގް ސްމާޓް ވޮޗް އާއި އެޕަލް ސްމާޓް ވޮޗްއާއި ވާދަކޮށްލެވޭ ވަރުގެ ފީޗާތަކެއް ފޭސްބުކްގެ ސްމާޓް ވޮޗްގައި ހިމެނޭނެ އެވެ. އަދި އެ ގަޑި އުފެއްދުމަށް ދުނިޔޭގެ އެހެނިހެން ޓެކްނޮލޮޖީ ކުންފުނިތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފޭސްބުކް ސްމާޓް ވޮޗް ވިއްކާނެ އަގެއް ކަމަށް ރިޕޯޓުތައް ބުނަނީ ގާތްގަނޑަކަށް 400 ޑޮލަރަށެވެ. އަދި އެ އަގުގައި ފުރަތަމަ ވިއްކާނީ ލިމިޓެޑް އެޑިޝަނެއް ކަމަށާއި ޑިމާންޑަށް ބަލައި އިތުރު ގަޑިވެސް އުފައްދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
+1
+1
+1
+1
+1
+1