މިއަހަރުގެ ތެރޭގައި އިންޑިއާގެ އިގްތިސޯދު 11.2 އިންސައްތައަށް ކުރިއަރާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް އެމިންވަރަށް އިގްތިސޯދު ކުރިއަރާނެ ކަމަށް މިހާރު ނުބެލެވޭކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
މިދިޔަ 20 އަހަރުގެ ތެރޭގައިވެސް އިންޑިއާގެ އިގްތިސޯދު ދަށަށް ނުދާ މިންވަރަށް މިދިޔަ 2020 ވަނަ އަހަރު އެގައުމުގެ އިގްތިސޯދު ދަށަށް ދިޔަ އެވެ. އެހެންނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު އަނެއްކާވެސް އިގްތިސޯދު މަޑުމަޑުން އިއާދަވާން ފެށި އެވެ. ކަން މިހެން އޮއްވައި މާޗު މަހުގެ ތެރޭގައި ކޮވިޑް-19 ގެ ދެވަނަ ރާޅެއް ނަގައި އަޅަންޖެހުނު ފިޔަވަޅުތަކުގެ ސަބަބުން އަނެއްކާވެސް އިގްތިސޯދަށް ވަނީ ނޭދެވޭ އަސަރުކަތެއް ކުރަން ފަށައިފަ އެވެ. ހާއްސަކޮށް ކުދި ވިޔަފާރިތައް މުޅިންހެން ވަނީ ހުއްޓިފަ އެވެ.
ވޯލްޑް ބޭންކުން މިދިޔަ އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި ބުނީ އިންޑިއާގެ އިގްތިސޯދު 11.2 އިންސައްތައަށް ކުރިއަރާނެ ކަމަށް މީގެ ކުރިން ބެލެވުނު ނަމަވެސް މިހާރު ލަފާކުރެވެނީ އިގްތިސޯދު ކުރިއަރާނީ 8.3 އިންސައްތައަށް ކަމަށެވެ. މިރޭޓުގައި ހިފެހެއްޓޭނީ މިހާރު ރަނގަޅުވަމުންދާ ކޮވިޑުގެ ހާލަތު އެގޮތުގައި ހިފެހެއްޓި ވެކްސިން ދިނުމުގެ ޕްރޮގުރާމް ރަނގަޅަށް ކުރިއަށް ގެންދެވޭނަމަ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނީ ސިއްހީ ދާއިރާގެ އިތުރުން އިންފްރާސްޓްރަކްޗާ ދާއިރާއިންކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު އެގައުމުގެ އެންމެ ބޮޑު އަދި އެންމެ ތަރައްގީ ދެ ސިޓީގައި ވަނީ ލޮކްޑައުން އިއުލާން ކޮށްފަ އެވެ. އެގޮތުން މުމްބާއީގެ ގިނަ ސްޓޭޓުތަކެއްގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު ނިއު ދިއްލީގައިވެސް ކޮވިޑު ކޭސްތައް ވަނީ އިތުރުވެފަ އެވެ.
މިއަހަރުގެ މާޗު މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެގައުމުން އެއްލައްކައަށްވުރެއް ގިނަ މީހުން ޕޮޒިޓިވްވަމުން އަންނައިރު ބައެއް ދުވަސް ދުވަހު ދެލައްކަ މީހުންވެސް ބައްޔަށް ޕޮޒިޓިވް ވެއެވެ. މީގެ އިތުރުން ދުވާލެއްގެ މައްޗަށް އެގައުމުން 3،000 އާއި 9،000 ދެމެދުގެ އަދަދަކަށް މީދުން މަރުވަމުން ދާކަންވެސް ފާހަގަކޮށްލެވެ އެވެ.
+1
+1
+1
+1
+1
+1