ހަމައެމްވީ އިން އުފައްދާ ވެބް ސީރީޒް 'ސަފަރު' އިއުލާން ކޮށްފި

ސަފަރު ގެ ޕޯސްޓަރެއް
ސަފަރު ގެ ޕޯސްޓަރެއް
ހުކުރު , 01 ޖެނުއަރީ 2021 | 14:10

"ހަމައެމްވީ" އިން އުފައްދާ ފުރަތަމަ ޕްރޮޑަކްޝަން، "ސަފަރު" މިއަދު އިއުލާން ކޮށްފި އެވެ.

މިއީ ވެބް ސީރީޒް އެކެވެ. "ހަމައެމްވީ" އިން އުފައްދާ މި ސީރީޒް ގެ ޕްރޮޑަކްޝަން މެނޭޖް ކުރަނީ މި އޮންލައިންގެ މަސްއޫލުވެރިޔާ ތަހާރަތު މުހައްމަދު ވަހީދު[ތަހާ]އެވެ. ސީރީޒް އާއި ގުޅޭގޮތުން ތަހާ ވިދާޅުވީ މިއީ "ހަމައެމްވީ" އިން ޕްރޮޑަކްޝަންގެ ތެރެއަށް ވަނުމުގެ ގޮތުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޕްރޮޑަކްޝަންތައް އޮންލައިން އިން އުފައްދާނެ ކަމަށް ތަހާ ވިދާޅުވިއެވެ.

ސީރީޒް ސްޓްރީމް ކުރާ ޕްލެޓްފޯމެއް މިހާތަނަށް "ހަމައެމްވީ" އިން އިއުލާނެއް ނުކުރެ އެވެ.

"ސަފަރު" ޑައިރެކްޓު ކުރަނީ މީގެ ކުރިން ގިނަ ލަވަތަކެއްގައި ޑައިރެކްޝަން މަސައްކަތް ކޮށްފައިވާ އަޒްހާން އިބްރާހިމް އެވެ. ސީރީޒް އާއި ގުޅޭގޮތުން އަޒްހާން ވިދާޅުވީ މިއީ ބިރުވެރި އަދި ތްރިލާ ކަންތައްތަކެއް އެކުލެވޭ ސީރީޒް އެއް ކަމަށެވެ.

Facebook Embeded

މި ވެބް ސީރީޒް ޝޫޓު ކުރަން ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ. ސީރީޒްގެ ލީޑް ރޯލުން ފެންނާނީ އެކްޓިންއަށް މުޅިން އަލަށް ތައާރަފުވާ މަޝްހޫރު ޝަހުސިއްޔަތު މުހައްމަދު ސައިފް ޒާހިރު އެވެ. ސައިފް އަކީ ޓީވީ ޕްރެޒެންޓިންގެ އިތުރުން ކުޅިވަރުގެ ދާއިރާގައި އަދި ބޮޑުބެރުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ. މީގެ އިތުރުން ބަތަލާގެ ރޯލުން ފެންނާނީ ބައިސްކޯފުގެ ބައެއް ސީރީޒްތަކުން ފެނިފައިވާ ވާޝިޔާ މުހައްމަދު އެވެ.

މީގެ އިތުރުން "ސަފަރު" ގެ މުހިންމު ރޯލުތަކުން ފެންނަ ތަރިންގެ ތެރޭގައި ނަތާޝާ ޖަލީލު، އިސްމާއިލް ޖުމައިހް، މަރިޔަމް ޝިފާ، މުހައްމަދު އަފްރާހުގެ އިތުރުން އަބްދުﷲ ހާމިމް އިމްތިޔާޒް ހިމެނެ އެވެ.

ސީރީޒްގެ މަންޒަރުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އަދި ދައްކާލާފައިވަނީ ހަމައެކަނި ސީރީޒްގެ ޓައިޓަލް ޓީޒާ އެވެ. ޑައިރެކްޓަރު އަޒްހާން ބުނީ ވަރަށް އަވަހަށް ތަރިންގެ ޕޯސްޓަރުތައްވެސް ދައްކާލާނެ ކަމަށެވެ.

"ސަފަރު" ބެލުންތެރިންނާއި ހަމައަށް ފެންނާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.