ޑިޒްނީ + ހޮޓްސްޓާގައި މިހާރު ސްޓްރީމް ކުރަމުންދާ ޝިލްޕާ ޝެއްޓީގެ ފިލްމު "ހަންގާމާ 2" އަށް ފިނި ތަރުހީބެއް ލިބެމުން އެބަ ދެއެވެ.
"ހަންގާމާ 2" އަކީ ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ސްކްރީނާއި ދުރުގައި ހުރުމަށްފަހު ޝިލްޕާ ކުޅުނު ފުރަތަމަ ފިލްމެވެ. ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރަގެ މައްޗަށް ކުރެވުނު ބަރަހަނާ ފިލްމު އުފެއްދުމާއި އާންމު ކުރުމުގެ ތުހުމަތުތަކާއިއެކު ޕްރޮމޯޝަން ހަރަކާތްތަކުންވެސް ޝިލްޕާ ގެއްލުނެވެ.
މައްސަލަ ފެންމަތިވުމާއިއެކު ޝިލްޕާއަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ސޯޝަލް މީޑިއާގައިވެސް ޝިލްޕާގެ ހަބަރެއް ނެތެވެ. އެހެންނަމަވެސް އިއްޔެ ޝިލްޕާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ފުރަތަމަ ފަހަރަށް މިމައްސަލައަށް އެޑްރެސްކޮށްފަ އެވެ.
އެގޮތުން އޭނާ ބުނީ މިވަގުތު ހާލަތު ކޮންމެ ގޮތަކަށް އޮތްނަމަވެސް އޭގެ އަސަރު ފިލްމަށް ކޮށްގެން ނުވާނެ ކަމަށެވެ.
"ހަންގާމާ 2 އަކީ އެތައް ބައެއްގެ ވަރަށް ބުރަ މަސައްކަތެއް. އެހެންވީމަ ހާލަތު އޮތް ގޮތުންވިޔަސް ފިލްމަށް އޭގެ އަސަރު ކޮށްގެން ނުވާނެ" ފިލްމާއި ގުޅޭގޮތުން ޝިލްޕާ ބުންޏެވެ.
ޝިލްޕާ ބުނީ އާއިލާއާއިއެކު "ހަންގާމާ 2" ބެލުމަށް އެދޭކަމަށެވެ. އަދި އެއީ މިފިލްމަށްޓަކައި ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންކަމަށްވެސް އޭނާ ބުންޏެވެ.
ޝިލްޕާއަކީ މިދިޔަ ދުވަސްތަކުގައި ޔޯގާއާއި ކަސްރަތު އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ކުރާ ފަރާތެކެވެ. އޭނާ ބުނީ އެކަމަށް އަދިވެސް ހިތްވަރު ދޭކަމަށެވެ.
ކުންދުރަގެ މައްޗަށް ކުރާ ބަރަހަނާ ވީޑީއޯ އުފެއްދުމާއި އާންމު ކުރުމުގެ ތުހުމަތުތަކާއި ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ. ފުޅާ ދާއިރާއެއްގައި އެފަދަ ވީޑިއޯތައް އިންޓަނެޓުގައި އާންމު ކުރަމުން ދަނީ ކުންދުރަގެ އަމިއްލަ ކުންފުނި މެދުވެރިކޮށް ކަމަށްވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ.
ކުންދުރަ އާއި ޝިލްޕާ ދިރިއުޅޭ ގެއަށް ފުލުހުން ގޮސް ބަލާ ފާސްކުރި ނަމަވެސް މިހާތަނަށް ޝިލްޕާއާއި ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައެއް ނުވެ އެވެ. ސުވާލު ކުރުމަށް ޝިލްޕާ ފުލުހަށް ހާޒިރު ކުރި އެވެ. އޭނާ ދެކޭ ގޮތުގައި އާންމުކުރި ވީޑިއޯތަކަކީ ބަރަހަނާ ފިލްމުތައް ކަމުގައި ނުބެލެވޭނެ އެވެ. އެފަދަ ވީޑިއޯތައް ބޮޑެތި ފިލްމުތަކުގެ މަންޒަރުތަކުންވެސް ދައްކާ ކަމަށާއި އެހެންކަމުން ކުންދުރަ ކުރީ ކުށެއްކަމަށް ނުދެކޭ ކަމަށް ޝިލްޕާ ވަނީ ބުނެފަ އެވެ.