ކޮވިޑު ފެތުރޭތީ ފިލްމު ސެޓުތަކުގައި ހަރަކާތްތެރިވާ ސްޓާފުން މަދުކުރަން އަންގައިފި

ކޮވިޑަށް ޕޮޒިޓިވްވި ބައެއް ތަރިން
ކޮވިޑަށް ޕޮޒިޓިވްވި ބައެއް ތަރިން
އަންގާރަ , 06 އޭޕްރިލް 2021 | 12:10

އިންޑިއާގެ މަހަރާސްތްރަ ގައި ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާތީ ބޮލީވުޑް ފިލްމު ސެޓުތަކުގައި ހަރަކާތްތެރިވާ ސްޓާފުން މަދުކުރަން ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޯއީޒް (އެފްޑަބްލިއުއައިސީއީ) އިން އަންގައިފި އެވެ.

ވެރިރަށް މުމްބާއީގެ ސްޓޭޓެއް ކަމަށްވާ މަހަރާސްތްރަ އަކީ ބޮލީވުޑް މަސައްކަތްތައް ކުރިއަށް ގެންދާ މައި މަރުކަޒެވެ. ގިނަ ޕްރޮޑަކްޝަން ހައުސްތަކުގެ ސެޓުތައް ހުންނަނީ މުމްބާއީގަ އެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މުމްބާއީގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދިޔުމާއިއެކު އެތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން ދިޔައިރު ބޮލީވުޑްގެ ގިނަ ތަރިންތަކެއްވެސް ނިމިދިޔަ މަސްދުވަހުގެ ތެރޭގައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެގޮތުން ޝޫޓިން ކުރިއަށްދާ "ގަންގޫބާއީ ކަތިއަވަޑީ" ގެ ސެޓުން ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ބަތަލާ އާލިއާ ބަޓް ޕޮޒިޓިވް ވެފައިވާއިރު ރަންބީރު ކަޕޫރާއި، ބޫމީ ޕޭދްނޭކަރު، ވިކީ ކައުޝާލް، އަކްޝޭ ކުމާރުގެ އިތުރުން ކާރްތިކް އާރްޔާންވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

އެފްޑަބްލިއުއައިސީއީގެ ރައީސް ބީއެން ތިވާރީ ވަނީ ފިލްމު އުފައްދާ ކުންފުނިތަކަށް ސްޓާފުން މަދުކުރަން އަންގައިފަ އެވެ. އެގޮތުން ބޮޑީ ގާޑުންނާއި، މެނޭޖަރުން، މޭކަޕް އާޓިސްޓުން، ހެއާ ސްޓައިލިސްޓުންނާއިއެކު އެކްޓަރުންގެ ބޮޑު ޓީމެއް ޝޫޓިންގައި ހަރަކާތްތެރިވާތީ އޭނާ ކަންބޮޑުވުން ފާޅު ކުރިއެވެ. އެހެންކަމުން ކޮންމެހެން ބޭނުންވާ ސްޓާފަކު ފިޔަވައި އިތުރު މީހުން މިވަގުތު ޝޫޓިން ސެޓުތަކަށް ނުގެންދިޔުމަށް އޭނާ އެދުނެވެ.

އިންޑިއާ ސަރުކާރުން މިދިޔަ އަހަރު ނެރުނު ކޮވިޑް ގައިޑްލައިންގައި ބުނެފައިވާ ގޮތުން އެކްޓަރުންގެ މޭކަޕާއި ހެއާ ސްޓައިލްފަދަ ކަންކަން ކުރިއަށް ގެންދަންވާނީ ގޭގަ އެވެ. އަދި ކޮސްޓިއުމް ފިޓު ކުރަން ވާނީވެސް އަމިއްލަ ގޭގައި ކަމަށް އެ ގައިޑްލައިންގައި ބުނެފައި ވެއެވެ. އިންޑިއާގައި ކޮވިޑް ކޭސްތައް މިދިޔަ އަހަރުގެ ފަހުކޮޅު މަދުވެ ވެކްސިން ޕްރޮގުރާމް ފެށުމާއިއެކު ބޮލީވުޑް ފިލްމުތަކުގެ ޝޫޓިންތައް ފެށިއިރު، ބައެއް ޝޫޓިންތަކުގައި ގައިޑްލައިނަށް ބޯނުލަނބަ އެވެ. އެގޮތުން މޭކަޕް ކުރާއިރު ފޭސް ޝީލްޑް ބޭނުން ކުރުންފަދަ ކަންކަން މުޅިން ދޫކޮށްލި އެވެ.

އެފްޑަބްލިއުއައިސީއީ އިން ވަނީ ފިލްމު ސެޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ގޮވާލައިފަ އެވެ. އަދި ޝޫޓިންތައް ކުރިއަށް ގެންދާއިރު ކޮންމެހެން ބޭނުންވާ މީހުން އެކަނި ސެޓުގައި ހަރަކާތްތެރިވާންވެސް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.