ޝޫޓިން ފަށަން ތައްޔާރުވެފައި އޮއްވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފަސްކުރަން ޖެހުނު "ގަންޕަތު" ގެ ޝޫޓިން އަލުން ތާވަލުކޮށްފި އެވެ.
އެކްޓަރު ޓައިގާ ޝްރޯފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަށެވެ.
މިފިލްމުގެ ޝޫޓީން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ ފަހުކޮޅަށެވެ. އެހެންނަމަވެސް ކޮވިޑުގެ ސަބަބުން މުމްބާއީގެ މަހަރާޝްތްރަގައި އެއްވެ އުޅުން ސަރުކާރުން މަނާކުރުމާއިއެކު ޝޫޓިންތައް ފަސްކުރި އެވެ. އޭގެ ފަހުން ފިޔަވަޅުތަކަށް ލުއި ދޭން ސަރުކާރުން ނިންމީ މިމަހުގެ 1 ވަނަ ދުވަހު އެވެ.
ވިކާސް ބާލް ޑައިރެކްޓު ކުރާ "ގަންޕަތު" ގައި ޓައިގާ އަދާކުރާނީ ބޮކްސިން ކުރާ މީހެއްގެ ރޯލެވެ. މި ފިލްމަށް ތައްޔާރުވުމަށް ޓައިގާ ވަނީ ބޮކްސިން ޓްރެއިނިންތަކެއްވެސް ހަދައިފަ އެވެ. މާޝަލް އާރޓްސްގެ ޓްރެއިނިންތަކެއް މީގެ ކުރިންވެސް ޓައިގާ ހަދާފައި ވެއެވެ. އިތުރު ބައެއް މާޝަލް އާޓްސް ވައްތަރުތަކެއްވެސް ޓައިގާ ވަނީ ދަސްކޮށްފަ އެވެ.
މިފިލްމަށް ޓައިގާ އާ ހިންދީ ޑައިލެކްޓެއްވެސް ދަސްކުރަމުން ދާކަމަށް ރިޕޯޓުތައް ބުނެ އެވެ. ޓައިގާ އާއިއެކު "ގަންޕަތު" ގެ ލީޑް ރޯލުން ފެންނާނީ ބަތަލާ ކްރިތީ ސެނަން އެވެ.