ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ދާނީ ހަލުވިކަމާއެކު ކުރިއަށް ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
މުލަކަތޮޅު ދިއްގަރު ކައުންސިލާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްވެރިންގެ ފަސޭހައަށްޓަކައި މުލަކުގައި ގާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރިވަރަށްވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލަރުން ފާހަގަ ކުރެއްވި މިނިމަން ވޭޖް ކަނޑައެޅުންފަދަ ކަންކަމާގުޅޭގޮތުންވެސް އެންމެފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާމް ވިދާޅުވީ، ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައެވެ. މީގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް މުހިންމު އެހެން ކަންކަމާގުޅޭ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ކައުންސިލުގެ ރައީސް ވަނީ އެރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ހުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާކަން ކައުސިލުގެ ރައީސް ފާހަގަކުރިއެވެ. މީގެ އިތުރުން ސްކޫލް ހޯލް އިމާރާތާ އަދި އުމްރާނީގޮތުން ސްކޫލަށް ބޭނުންވާ ކަންކަންމުގެ އިތުރުން މަތީ ތަޢުލީމު ފުޅާކުރުމަށް އިތުރު ފުރުޞަތުތަކާއި ލުއިފަޞޭހަތައް ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި ކަނދުފަތިތައް ކައިރި ސަރަޙައްދެއްގައި ނެތުމާއި އަދި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި އެރަށުގެ ރިޒޯޓްދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ދަތިތަކާއި، އެ ދާއިރާއިން އިތުރު ފުރުޞަތުތައް އެ ސަރަޙައްދުގައި ފަހިވެފައި އޮތުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.