ހެޔޮ ގޮތުގައި ދުވަސް ފެށުމަކީ އުފާވެރި އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރު ހެނދުނު ހޭލާއިރު ވަރުބަލިކަން އިހުސާސް ކުރެވެ އެވެ. ކަންނެތް ވުމާއިއެކު ކަމެއް ކުރާހިތް ނުވުމަކީވެސް ގިނަ ފަހަރު ވާ ގޮތެކެވެ. މީހާ ހޭލާ ވަގުތާއި ދުވަސް ހޭދަކުރަން މީހާއަށް ލިބޭ ހަކަތައާއި ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ.
އާޔުރްވެދާ އެކްސްޕާޓު ގީތާ ވާރާ ވަނީ ހެނދުނު ހޭލައިގެން ކޮންމެހެން ކުރުން މުހިންމު ހަ ކަމެއް ފާހަގަކޮށްފަ އެވެ. އޭނާ ބުނާ ގޮތުގައި "ދިންއަޗާރްޔާ" ނަމަކަށް ކިޔާ މި ހަރަކާތްތަކަކީ މީހާގެ ހަށިގަނޑު ސާފުކޮށްދީ ހަކަތަ ލިއްބައިދޭ ހަރަކާތްތަކެކެވެ.
ހެނދުނު ހޭލަން ގީތާ ލަފާ ދެނީ ހަޔަކާއި 10 އާއި ދެމެދު އެވެ. މިވަގުތަކީ އިރު އަރައިގެން އައިސް މެދުގައި ޖެހުމުގެ ކުރިން ލިބޭ ވަގުތުކަމުން އެންމެ ލަސްވެގެން 10 ޖެހުމުގެ ކުރިން ހޭލަން އާދަ ކުރަން އޭނާ އެދުނެވެ. އަދި 6 ހަރަކާތަކީ 10 ގެ ކުރިން ކުރަންޖެހޭ ހަރަކާތްތައް ކަމަށްވެސް އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ ހަރަކާތަކީ ހަށިގަނޑުގައިވާ ބޭކާރު އެއްޗެހި ބޭރު ކުރުމެވެ. އެގޮތުން ހެނދުނުގެ ވަގުތުގައި ރަނގަޅަށް ބޮޑުކަމު ދިޔުމާއި ކުޑަކަމު ދިޔުމުގެ އިތުރުން ދަތް އުނގުޅައި އަނގަތެރެ ސާފު ކުރަން އޭނާ އެދުނެވެ. މީގެ އިތުރުން ނޭފަތާއި ކަންފަތްވެސް ސާފުކުރުން މުހިންމު ކަމަށް އޭނާ ބުންޏެވެ.
ދެވަނަ ކަމެއްގެ ގޮތުން ދޫ ރަނގަޅަށް ސާފުކުރަން އޭނާ އެދުނެވެ. ގީތާ ބުނީ ދޫ މަޑުމަޑުން ކާއްތައި ސާފު ކުރުމަށެވެ.
ތިނަވަނަ ކަމެއްގެ ގޮތުން އަމިއްލައަށް ހަށިގަނޑަށް މަސާޖެއް ދިނުން މުހިންމެވެ. އެގޮތުން ތެޔޮ ނުވަތަ މަސާޖު ކުރާ އާލާތަކުން ހަށިގަނޑު މަޑުމަޑުން މަސާޖު ކޮށްލުން މުހިންމުކަމަށް ގީތާ ބުންޏެވެ. މީގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވާން ފަސޭހަ ވެގެން ދާނެ އެވެ. އަދި އެކި ކަހަލަ ކުދި ޒަހަމުތައް ލިބުމުންވެސް ސަލާމަތް ކޮށްދޭނެ ކަމަށް ގީތާ ބުންޏެވެ.
ދެން ގީތާ އިލްތިމާސް ކުރީ ކުޑަ ނަމަވެސް ކަސްރަތެއް ކޮށްލާށެވެ. އެގޮތުން ހިނގައިލުން ނުވަތަ ދުވެލުމަކީވެސް ކުރެވިދާނެ ކަމެއްކަމަށް އޭނާ ބުންޏެވެ.
ހަށިގަނޑުގައި ހުރި ވިހަތައް ބޭރުކުރަން ސާފު ވައި ހޯދުމަކީވެސް މުހިންމު ކަމެއްކަން ގީތާ ފާހަގަކުރި އެވެ. އެގޮތުން އޭނާ ބުނީ ދެފައި ވަށްކޮށްގެން ތަނެއްގައި އިށީންދެލައި ލޯ މަރައިގެން އިނދެ އެތެރެއަށާއި ބޭރަށް މަޑުމަޑުން ނޭވައިލުމުން ހިތަށާއި ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ވިހަ ބޭރު ކުރުމަށް ހާބަލް ޓީއެއް ބުއިންވެސް ރަނގަޅު ކަމަށް ގީތާ ބުންޏެވެ. އެގޮތުން އާދައިގެ ކަޅު ސައި ތައްޓެއް ނުވަތަ ލިނބޯ ސައި ތައްޓެއް ނުވަތަ އިނގުރު ސައިތައްޓެއް ވިޔަސްވެސް ހެނދުނު ބުއިން ރަނގަޅުވާނެ ކަމަށެވެ.
ގީތާ ބުނީ ކޮންމެ ދުވަހަކު ހެނދުނު ހޭލާ ގޮތަށް މި ހަރަކާތްތައް ކޮށްލުމުން ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި ދުވަހުގެ ބާކީ ބައި ވޭތުކުރުމަށް ބޭނުންވާނެ ހަކަތަ ހަށިގަނޑަށް ލިބޭނެ ކަމަށްވެސް ގީތާ ބުންޏެވެ.