ހަނިމާދޫ އެއަރޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމާއި އެތަނުގައި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއަރޕޯޓުގެ ބިމާބެހޭގޮތުން، ހަނިމާދޫ ރައްޔިތުންގެ ތެރެއިން ބަޔަކާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަކަމެއް ކުރާނެކަމަށް ގަބޫނުކުރައްވާކަމަށެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއަރޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެންނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް ރައްޔިތުނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްގެންދެވުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ޢާންމުފަރާތްތަކުން ވަނީ މި ޕްރޮޖެކްޓަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ޕްރޮޖެކްޓެއްކަން ފާހަގަކޮށް މި ކަމުގައި ރައްޔިތުންނާ މަޝްވަރާކޮށް މައުލޫމާތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ފަރާތްތަކުން ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ އެމް.އެން.ޑީ.އެފްއަށް ބިން ޚާއްޞަކުރަން ހުށަހަޅާފައިވާ ސަރަޙައްދާއި އެއަރޕޯޓް ރަންވޭ އެކްސްޕޭންޝަންއަށް ޚާއްޞަކުރާ ބިމާމެދުކަން މި ބައްދަލުވުމުގައި ވަހަކަދެއްކި ޢާންމު ފަރާތްތަކުން ފާހަގަކުރިއެވެ. އަދި އެފަރާތްތަކުން ވަނީ އެ ބިންތަކަށް ބަދަލުގެންނަން ބޭނުންވާގޮތް ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ޙިއްޞާކޮށް މަޝްވަރާކޮށްފައެވެ.