ބޮލީވުޑްގެ މަޝްހޫރު ކޮސްޓިއުމް ޑިޒައިނާ މަނީޝް މަލޯތުރާ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު ޑައިރެކްޓު ކުރަން ތައްޔާރުވެއްޖެ އެވެ.
މަނީޝް އަކީ އެތައް އަހަރުތަކެއް ވަންދެން ގިނަ ފިލްމުތަކެއްގައި ކޮސްޓިއުމް ޑިޒައިނިންގެ މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އޭނާގެ ޑިޒައިންތައް ބޮލީވުޑްގެ ގިނަ އެކްޓަރުންނާ އެކްޓްރެސްއިން ވަނީ ލައިފަ އެވެ.
ބޮލީވުޑް ރިޕޯޓުތައް ބުނާ ގޮތުން މަނީޝް މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ ފުރަތަމަ ޑައިރެކްޝަންގެ މަސައްކަތް ފެށުމަށެވެ. މި ފިލްމު ޕްރޮޑިއުސް ކުރާނީ މަނީޝްގެ ގާތް ރަހުމަތްތެރިޔާ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ.
މަނީޝްގެ ފިލްމަކީ މިޔުޒިކަލް ލަވް ސްޓޯރީ އެކެވެ. ފިލްމުގެ ވާހަކަވެސް ލިޔުނީ މަނީޝް އެވެ. އެމަސައްކަތް މިހާރު މުޅިން ނިންމާލާފައިވާއިރު، ފިލްމަށް ކާސްޓުން ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަނީޝް އަކީ ބޮލީވުޑްގެ ގިނަ އެކްޓަރުންނާއި ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އެހެންކަމުން އޭނާގެ ފިލްމުގެ ކާސްޓުންގެ ގޮތުގައި ނަގާނެ ތަރިން ލަފާކޮށްލަންވެސް ނޭނގެ އެވެ. އެހެންނަމަވެސް މިއީ މަނީޝްގެ ފުރަތަަމަ ފިލްމު ކަމުން ވަރުގަދަ ތަރިންތަކެއް ފިލްމުން ފެނިގެން ދާނެކަމަށް އޮތީ ބެލެވިފަ އެވެ.