ފިރިމީހާ ރާޖް ކުންދުރަގެ ސަބަބުން މުޅި އާއިލާ ފަޟީހަތްވެއްޖެ ކަމަށާއި އެތައް ފިލްމުތަކެއް އަތުން ގެއްލިގެން ހިނގައްޖެކަމަށް ބުނެ ބަތަލާ ޝިލްޕާ ޝެއްޓީ ނުރުހުން ފާޅުކޮށްފި އެވެ.
ޝިލްޕާ މިފަދައިން ނުރުހުން ފާޅު ކުރީ ޖޫހޫގައި ހުންނަ ޝިލްޕާއާއި ކުންދުރަގެ ގެ ބަލާ ފާސްކުރަން ކުންދުރަ ގޮވައިގެން ފުލުހުން އެގެއަށް ދިޔުމުންނެވެ. ޝިލްޕާއަށް ކުންދުރަ ފެނި ފުލުހުންގެ ކުރިމަތީގައި ހަޅޭއްލެވި ކަމަށް ވެއެވެ. އެގޮތުން އެމީހުންގެ ދިރިއުޅުމުގައި މަދު އެއްވެސް އެއްޗެއް ނެތްކަމަށާއި އެފަދަ ހުތުރު އަމަލެއް ހިންގަންޖެހުނީ ކީއްވެތޯ ކުންދުރަގެ ކިބައިން ތަކުރާރުކޮށް ސުވާލު ކުރިކަމަށް ވެއެވެ. އެދުވަހު ކުންދުރަ ފެނިގެން ޝިލްޕާ ވަރަށް ރުއިކަމަށްވެސް ވެއެވެ. އަދި ދަރިންނާއި މައިންބަފައިންވެސް ތިބީ މުޅި ދުނިޔެއަށް ބަދުނާމު ވެފައިކަމަށް ޝިލްޕާ ބުންޏެވެ.
ކުންދުރަގެ މައްޗަށް ތުހުމަތު ކުރެވޭ ބަރަހަނާ ފިލްމު އުފެއްދުމާއި އާންމު ކުރުމުގެ މައްސަލައާއި ގުޅިގެން ޝިލްޕާ އެންޑޯޒް ކުރަމުންދިޔަ ބްރޭންޑުތައްވެސް ވަނީ އަތުން ގެއްލިފަ އެވެ. މިހާތަނަށް އައިއިރު ފުލުހުންނަށް ޝިލްޕާ މިކަމުގައި ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ނުލިބެ އެވެ. އެހެންނަމަވެސް މައްސަލައާއި ގުޅިގެން ޝިލްޕާއާއި ސުވާލުކުރަން އޭނާ ފުލުހަށް ހާޒިރު ކުރި އެވެ.
އެދުވަހު ހާޒިރު ކުރުމުން ޝިލްޕާ ބުނެފައިވަނީ ކުންދުރަ އާންމުކުރީ ބަރަހަނާ ފިލްމުތަކެއްކަމަށް އޭނާ ނުދެކޭ ކަމަށެވެ. އަދި އެފަދަ ވީޑިއޯތައް މަޝްހޫރު ފިލްމުތަކުގައިވެސް ހިމެނޭކަމަށް ޝިލްޕާ ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ކުންދުރަގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. ކުންދުރަގެ ފަރާތުން މިމައްސަލަ ވަނީ ބޮމްބޭ ހައިކޯޓަށްވެސް ހުށަހަޅައިފަ އެވެ. އޭނާގެ ލޯޔަރުން ހުށަހެޅި އެމައްސަލައިގައި ބުނެފައިވަނީ ފުލުހުން އޭނާ ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ.
މިމަހުގެ 19 ވަނަ ދުވަހު ކުންދުރަ ހައްޔަރު ކުރިއިރު އިއްޔެ ވަނީ އޭނާގެ ބަންދަށް 14 ދުވަސް ޖަހައިފަ އެވެ.