މި ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ދިގު ތާރީހުގައިވެސް ނުހިނގާވަރަށް އެއްފަހަރާ ޕްރޮޖެކްޓްތައް އެރަށުގައި މިހާރު މިސަރުކާރުން ކުރިޔަށްގެންދާ ކަމަށް ރ. އަނގޮޅިތީމު ކައުންސިލުން ބުނެފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމުހޫރިއްޔާ އާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޕްރޮޖެކްޓްތައް ހިނގަމުންދާއިރު އުފެދޭ ކުނިބުނި މެނޭޖުކުރުމުގައި ހުރި ދަތިތަކާއި ރަށުން ކުނިގެންދިއުމަށް ފަސޭހައަކަށް ޓީޖެޓީއެއް ހެދުމާއި މޫދަށްއެރޭ ސަރަޙައްދެއް ތަރައްގީކުރުމާއި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިގްތިސާދީ ތަރައްގީގެ މުހިންމު ކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުން ކޮމެޓީގެ މެންބަރުން ވަނީ ކޮމެޓީގެ މަސައްކަތްކުރިޔަށް ގެންދިއުމުގައި ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި ރަށު ތެރެސާފުކޮށް ބަލަހައްޓާ ކަނބަލުންނަށް ކަނޑައަޅާފައި އޮންނަ ފައިސާގެ ޢަދަދު ބޮޑުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުނިމެނޭޖުކުރުމުގައި ހުރިދަތިތަކާއި އަދި ޓުއަރިސްޓް ވިޒިޓަރސް ސެންޓަރާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމާ އަދި މި ނޫންވެސް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައެވެ.