ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކަމަށް ނުފޫޒު ފޯރުވުމަށް މަގާމުގެ ބާރު ބޭނުންކުރެއްވުމުގެ ތުހުމަތު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކުރަމުން އެބަ ދެ އެވެ.
އަލީ ޒާހިރަށް މި ތުހުމަތުތައް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންނާއި، އިދިކޮޅުގެ ލީޑަޝިޕުންވެސް ކޮށްފަ އެވެ.
އެގޮތުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެޕާޓީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ރައީސް ސޯލިހު ތާއީދު ކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން، އަލީ ޒާހިރު ގެންދަވަނީ ކެމްޕެއިން އޮފީހެއް ހައްދަވައިގެން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްވައިގެން އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށާއި އަލީ ޒާހިރު ގެންދަވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވަމުން ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
އަލީ ޒާހިރަށް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން ކުރައްވަނީ އެހެން ތުހުމަތެކެވެ. އެއީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދައުވާތަކާއި ގުޅިގެން ވަކި ގޮތަކަށް ޝަރީއަތް ނިންމެވުމަށް އަންގައި އަލީ ޒާހިރު މެސެޖުކުރައްވާ ކަމުގެ ތުހުމަތު އިދިކޮޅުން ކުރެ އެވެ. އިއްޔެ މަޖިލީހުގައިވެސް ވަނީ ކޯޓުތަކުގެ ފަނޑިޔާރުންނަށް އަލީ ޒާހިރު ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ އިދިކޮޅުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވައިފަ އެވެ.
މިހުރިހާ ތުހުމަތެއްވެސް އަލީ ޒާހިރު ދޮގުކުރައްވަ އެވެ. އެހެންނަމަވެސް އެއްކޮޅާއި އިދިކޮޅުންވެސް ސީދާ އަލީ ޒާހިރަށް އަމާޒުކޮށް މިފަދަ ތުހުމަތުތަކެއް ކުރައްވާތީ ކަންބޮޑުވުން އެބަ އޮތެވެ.
އަލީ ޒާހިރަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ އެޕާޓީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ.