ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ހައްގުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިރޭ ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތްކަމުގައި ރައީސް ވިދާޅުވިއެވެ.
މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއަކީ ކުޑަ ގައުމެއްކަމުގައި ވީ ނަމަވެސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިވެހިންނަކީ ވެސް ދިރިއުޅެން ހައްގުވާ ބައެއްކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރައްވައި މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްގީއަށާއި ފާގަތިކަމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު ރައީސް ވަނީ ނިސްބަތުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކަމުގައިވީ ނަމަވެސް ރާއްޖެއިން ދަނީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކޮށް އެކަމަށް މީހުން އަހުލުވެރިކުރުމުގައި އިސްނަގައި އެހެން ގައުމުތަކަށް ނަމޫނާ ދައްކަމުންކަމުގައި ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް-ޒީރޯ ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަޒުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެހެން ގައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަކީ ކީއްވެގެންކަމާއިމެދު ސުވާލުއުފައްދަވާފައެވެ.
ކޮމަންވެލްތް ބައްދަލުވުމުގައި ރާއްޖެފަދަ ކުދި ޤައުމުތަކުން މޫސުމާބެހޭ ނުރައްކާތަކުން ސަލާމަތްވުމަށް ކުރަން ކަނަޑައަޅައިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބާރުއަޅުއްވާފައެވެ. އަދި މިހާރު އޮތް 'ކްލައިމެޓް ފައިނޭންސް' ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތްވެސް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ވަނީ ކޮމަންވެލްތުން މިފަދަ ކަންކަމުގައި އިސްނަގައި 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު އެއަށް ބޭނުންޖެހިފައިވާ ޤައުމުތަކަށް ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ވަނީ 'ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް' ގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.