މިއަދު ރާއްޖެ އޮތީ ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އިފްތިތާޙު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ނަމުގައި، މިދިޔަ އަހަރު ގާނޫނެއް ހަދައި ޢަމަލުކުރަން ފެށީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށާއި އެއީ، އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްގީ ކުރުން ކަމަށްވާއިރު މި ދާއިރާއަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ވަސީލަތްތައް، މި ދާއިރާގެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެހެންކަމުން، އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ގާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް، އެ އިންސްޓިޓިއުޓުން އަވަސް މަސައްކަތްތަކެއް ކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި އެ މަސައްކަތް އަވަސްކުރުމަކީ، އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަގީންކަން ހޯދުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެކައުންޓިންގގެ މަސައްކަތަކީ، ދައުލަތުގެ މުޅި ނިޒާމު އޭގައި ލާމެހިފައިވާ މަސައްކަތަކަށްވާއިރު ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި، ދައުލަތުގެ ބޭންކިންގ ނިޒާމާއި، ވިޔަފާރިތަކާއި، މުޅި އިޤްތިޞާދީ ނިޒާމު އޭގައި ޝާމިލުވާ މަސައްކަތެއް ކަން ފާހަގކުރެއްވިއެވެ. އަދި މި ސަބަބަށްޓަކައި، އެކައުންޓެންސީއާއި އޮޑިޓް ދާއިރާއިން ދިމާވާ މައްސަލަތައް، މި ދާއިރާގެ އެންމެހައި ފަރާތްތަކާ މަޝްވަރާކޮށްގެން، ޙައްލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަކީވެސް، ރާއްޖެއަށް ބޭނުންވާ ފަންނީ ދާއިރާތަކުން ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރޭގައި، މިހާރުވެސް އެކައުންޓިންގ ދާއިރާގެ ކޯސްތައް ހިމެނޭ އިރު އިތުރަށް މަޝްވަރާ ކޮށްގެން މި ދާއިރާއަށް މީހުން ބިނާކުރުމުގައި، މި ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް ކޮށްދީ، މަގުފަހިކޮށްދޭނަން ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ ދުވެލި، މިހާރު ހުރީ ރަނގަޅު މިޞްރާބުގައި ކަން ފާހަގަކުރައްވާ ޤައުމީ އާމްދަނީއާ ގުޅިފައިވާ ޞިނާޢަތްތައް ކުރިއަރަމުން އަންނަނީވެސް އުންމީދު އާކޮށްދޭ ގޮތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.