ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކާއި އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގައި އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތު ނުކުރައްވާނެކަމަށް ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
އދ ފެންފުށީ ކައުންސިލަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަނދަރުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ގޮތުން އަދި ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައެވެ.
މިބައްދަލު ކުރެއްވުމުގައި ފެންފުށީ ކައުންސިލުން ވަނީ ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ނަރުދަމާ ނިޒާމާއެކު ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭގޮތުންނާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި ސްކޫލަށް އިތުރު 8 ކްލާސްރޫމުގެ އިމާރާތެއްގެ މުހިންމުކަމާއި ހެލްތު ސެންޓަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުންފަދަ މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. މީގެ އިތުރުން ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި އައު މިސްކިތަކާއި ކައުންސިލު އިދާރާގެ އައު އިމާރާތެއް އެޅުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.