އާމިރް ހާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ފަހު ޝޫޓިންތައް އިއްޔެ ފަށައިފި އެވެ.
ފިލްމުގެ ފަހު މަސައްކަތްތައް އިންޑިއާގެ މުމްބާއީގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށި ނަމަވެސް އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވާން ފެށުމާއިއެކު ޝޫޓިންތައް މެދުކަނޑައިލަން ޖެހުނެވެ. އޭރު އޮތީ ފިލްމު ރިލީޒް ކުރާނެ ތާރީހުވެސް ކަނޑައަޅައިފަ އެވެ.
އިންޑިއާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ ލެވެލްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ލެވެލް 1 ގެ ދަށުން އެންމެ ބޮޑެތި ލުއިތައް ދީފައިވަނީ ކޮވިޑްގެ ހާލަތު މާ ބޮޑަށް ގޯސް ނޫން ސިޓީތަކަށެވެ. އަދި ލެވެލް 5 ގެ ދަށުން މަދު ލުއިތަކެއް ދީފައިވަނީ ހާލަތު އެންމެ ގޯސް ހިސާބުތަކަށެވެ. ކޮވިޑުގެ ހާލަތު މަހަރާޝްޓްރާގައި އަދިވެސް މުޅިން ރަނގަޅެއް ނުވެ އެވެ. އެ ސްޓޭޓު އޮތީ ލެވެލް 3 ގަ އެވެ. އެހެންކަމުން ފިޔަވަޅުތަކަށް ލުއި ދީފައިވަނީ ވަކި މިންވަރަކަށް ހިފެހެއްޓިގެންނެވެ.
އިއްޔެ މަހަރާޝްޓްރާގައި "ލާލް ސިންގް ޗައްޑާ" ޝޫޓިންތައް އަލުން ފެށީ ވަރުގަދަ ފިޔަވަޅުތަކަކާއިއެކު އެވެ. އެގޮތުން ޝޫޓިން ކުރިއަށް ގެންދެވޭނީ ހަވީރު 5 ޖަހަންދެންނެވެ. އަދި ޝޫޓިންގައި ބައިވެރިވެވޭނީ ކްރޫ މެމްބަރުންގެ ގޮތުގައި ވަކި އަދަދެއްގެ މީހުންނަށެވެ.
މަހަރާޝްޓްރަގައި ޝޫޓިންތަކުގެ ބޮޑު ބައި ނިންމައިލާނެ އެވެ. އެހެންނަމަވެސް ލަޑަކްގައި ޝޫޓުކުރަންޖެހޭ މަދު ސީންތަކެއް އަދިވެސް އޮންނާނެ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އެ ޝޫޓިންތައްވެސް ނިންމައިލާނެ ކަމަށް ބެލެވެ އެވެ.
"ލާލް ސިންގް ޗައްޑާ" ގައި އާމިރުގެ އިތުރުން ކަރީނާ ކަޕޫރު ހާން އާއި ނަގާ ޗައިތަންޔާ ވެސް ފެންނާނެ އެވެ. މި ދެތަރިންގެ މަންޒަރުތައް ވަނީ ނަގައި ނިންމާލައިފަ އެވެ.
މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ މިއަހަރުގެ ކްރިސްމަސްއާއި ދިމާކޮށް ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ކޮވިޑުގެ ސަބަބުން އަންނަ ލަސްތަކާއިއެކު ފިލްމު އަންނަ އަހަރަށް ލަސްވެދާނެ ކަމަށް އޮތީ ބެލެވިފަ އެވެ.
+1
+1
+1
+1
+1
+1