މުއްދަތު ހަމަވާން ކައިރިވެފައިވާ ކޮވިޑް-19 ދިފާއު ވެކްސިންތަކެއް އިޒްރާއީލުން ފަލަސްތީނަށް ހަދިޔާ ކޮށްފި އެވެ.
އެމެރިޔާގެ ފައިޒާ ކުންފުނިން އުފައްދާފައިވާ ވެކްސިންތަކެއް އިޒްރާއީލަށް ފޮނުވާފައިވާއިރު އޭގެ މުއްދަތު ހަމަވާ ތާރީހަކީ އަންނަ ޖުލައި ނުވަތަ އޮގަސްޓު މަސް ކަމަށް އެގައުމުން ބުނެ އެވެ. އެ މުއްދަތުގެ ކުރިން ހުރިހާ ވެކްސިނެއް އިޒްރާއީލުގައި ނުޖެހޭނެތީ އެގައުމުން ނިންމީ ފަލަސްތީނަށް ވެކްސިން ހަދިޔާ ކުރާށެވެ. އަދި ބަދަލުގައި ފައިޒާއިން ފަލަސްތީނަށް ހަދިޔާ ކުރާ އާ ވެކްސިން އެ އަދަދަށް އިޒްރާއީލަށް ދޭށެވެ.
ފަލަސްތީނަށް ފައިޒާ ވެކްސިން މިއަހަރުގެ ފަހުކޮޅު ލިބޭނެ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓަރު މާއީ އަލްކައިލާ ވިދާޅުވީ އިޒްރާއީލުން ދޭ ވެކްސިން އޮގަސްޓު މަހުގެ ކުރިން ޖަހައި ހުސްކޮށް ނުލެވޭނެ އެވެ. އެއީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަަނަ ޑޯޒް ޖެހުމާއި ދޭތެރޭ ވަގުތު ހޭދަ ކުރަން ޖެހޭއިރު ދެވަނަ ޑޯޒް ނުޖަހަނީސް ވެކްސިންގެ މުއްދަތު ހަމަވެއްޖެނަމަ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ވެކްސިން ލިބޭނެ ގޮތެއްވެސް ނޯންނާނެތީ އެވެ.
އޭނާ ވިދާޅުވީ އޯގަސްޓު ނުވަތަ ޖުލައި މަހު ވެކްސިންގެ މުއްދަތު ހަަމަވާނެ ކަމަށް އިޒްރާއީލުން ބުނި ނަމަވެސް ޖޫން މަހުގެ ކުރިން ބޭނުންކުރަން އޭގައި ލިޔެފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ވެކްސިން ޖަހައި ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމުން އިޒްރާއީލުން ދޭ ވެކްސިން ބޭނުން ނުވާކަން އަންގާފައިވާކަމަށް މިނިސްޓަރު އަލްކައިލާ ވިދާޅުވި އެވެ.
ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނީ އިޒްރާއީލުން ހަދިޔާ ކުރާ ވެކްސިން އެގްރިމެންޓުގައި ސޮއިކުރުމަށްވުރެއް މިވަގުތަށް ރަނގަޅު ގޮތަކީ ފައިޒާއިން އާ ވެކްސިން އަންނަންދެން މަޑުކުރުން ކަމަށެވެ. ބޮޑުވަޒީރު މުހައްމަދު ޝްތަޔާވެސް އެގޮތަށް އަންގަވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ މުއްދަތު ހަމަވިނަމަވެސް ވެކްސިން އެއްލައި ނުލުމަށް އެދިފަ އެވެ. އެއީ އެ ވެކްސިން މުއްދަތު ހަމަވާ ތާރީހުގެ ފަހުން ބޭނުންކުރެވިދާނެތޯ ބަލަން މިވަގުތު ރިސާޗްތަކެއް ކުރިއަށް ދާތީކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އިޒްރާއީލުގައި ވެކްސިން ދިނުމުގެ ޕްރޮގުރާމު ކުރިއަށް ދަނީ ވަރަށް ހަލުވިމިނުގަ އެވެ. ގާތްގަނޑަކަށް 9.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެގައުމުގެ ވެކްސިން ދެވޭ އުމުރުފުރާގެ 55 އިންސައްތައަށް ދެ ޑޯޒް މިހާރު ވަނީ ދީފަ އެވެ.
ފަލަސްތީނުގެ އާބާދީއަކީ 4.7 މިލިއަނެވެ. އެގައުމުގެ ވެކްސިން ދެވޭ އާބާދީގެ 30 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވެއެވެ. އެއީ ޖުމްލަ އާބާދީގެ 9.6 އިންސައްތަ އެވެ. ދެޑޯޒް ފުރިހަމަ ކޮށްފައިވަނީ ޖުމްލަ އާބާދީގެ 5.8 އިންސައްތަ އެވެ.