އިޒްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެގައުމުން ބޮޑުވަޒީރަށް ކަނޑައަޅާފައިވާ ގެކޮޅުން ނިކުމެވަޑައިގެންފި އެވެ.
ޖެރުސެލަމްގައި ހުންނަ ގެކޮޅުން ނަތަންޔާހޫ ނިކުމެވަޑައިގަންތަކްނ އޭނާގެ އާއިލާއަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު ރޭ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ގެކޮޅު ދޫކުރެއްވީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މިދިޔަ ހަފްތާ ބަންދުގައި ގެކޮޅުން ބައެއް ސާމާނު ޓްރަކްގައި އުފުލިކަމަށް މީޑިއާތަކުން ރިޕޯޓު ކުރި އެވެ.
ނަތަންޔާހޫ ވަނީ އިޒްރާއީލުގެ ބޮޑުވަޒީރުގެ ގޮތުގައި 12 އަހަރު ހިދުމަތް ކޮށްދެއްވައިފަ އެވެ. އެ އަހަރުތަކުގެ ތެރޭގައި އޭނާގެ މައްޗަށް ކޮރަޕްޝަނާއި، ރިޝްވަތުގެ އިތުރުން ފްރޯޑުގެ ތުހުމަތުވެސް ކުރެވުނެވެ. އިތުބާރު ގެއްލިފައިވާކަމަށް އެތައް ފަހަރަކު ކަނޑައެޅިނަމަވެސް ނަތަންޔާާހޫ ވަނީ މަގާމު ދިފާއު ކުރައްވައިފަ އެވެ.
ނަތަންޔާހޫ ރަސްމީ ގެކޮޅު ދޫކުރެއްވީ އޭނާއަށް ބޮޑުވަޒީރުކަން ގެއްލުނުތާ މަހަކަށްވުރެއް ގިނަ ދުވަސް ވީ ފަހުންނެވެ.
އޭގެ ކުރިންވެސް މިދިޔަ ދެ އަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ނަތަންޔާހޫ ވަކި ކުރަން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް ނަތަންޔާހޫ އެކަން ނާކާމިޔާބު ކޮށްލި އެވެ.
އެންމެ ފަހުން ބޭއްވި އިންތިހާބު ކާމިޔާބުކޮށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ނަފްތާލީ ބެނެޓު ހުވާ ކުރެއްވީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. ބެނެޓް އިންތިހާބު ކާމިޔާބު ކުރެއްވީ ކޯލިޝަނެއްގެ ތެރެއިންނެވެ.
ރަސްމީ ގެކޮޅުން ނަތަންޔާހޫ ނުނިކުމެގެން ކޮންމެ ހަފްތާއަކުވެސް އެ ގެކޮޅު ކުރިމަތީގައި އިޒްރާއީލުގެ އެތައް ބަޔަކު މުޒާހަރާވެސް ކުރި އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ގެކޮޅުގައި ނަތަންޔާހޫ މަޑުކުރެއްވީ އޭނާގެ ކޮރްޕްޝަނާއި ފްރޯޑުގެ ކަންކަން ފޮރުވަން ހެކި ނައްތައިލުމަށެވެ. އެ ގެކޮޅަކީ ނަތަންޔާހޫ ހިންގި ޖަރީމާތަކުގެ މައި ހަބުކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ނަތަންޔާހޫ ގެކޮޅުން ނިކުތުމަށް ދިން އެންމެ ފަހު މުއްދަތަކީ ޖުލައި 10 ވަނަ ދުވަހެވެ. އެހެންނަމަވެސް އޭނާ ގެކޮޅު ދޫކުރެއްވީ ދިން މުއްދަތުގެ ހަތަރުވަރަކަށް ގަޑިއިރު ފަހުންނެވެ. އިއްޔެއަކީ އާ ބޮޑުވަޒީރު ބެނެޓު އެ ގެއަށް ރަސްމީކޮށް ބަދަލުވާން އޮތް ދުވަހެވެ.