އިޒްރާއީލުން ހައްޔަރުކޮށް ޖަލަށް ލާފައިވާ ފަލަސްތީނުގެ ގާނޫނު ހަދާ ކައުންސިލްގެ މެމްބަރު ހާލިދާ ޖައްރާރް އޭނާގެ އަހްހެން ދަރިފުޅުގެ ޖަނާޒާގައި ބައިވެރިވުމަށް ދޫކޮށްދިނުމަށް ގޮވާލައި ފަލަސްތީނުގައި މުޒާހަރާކުރަމުން އެބަ ދެއެވެ.
މިކަމަށް ގޮވާލައި އިއްޔެ ކުރި މުޒާހަރާއަށް ފަހުވެސް އިޒްރާއީލުގެ ޕްރިޒަން ސާވިސްއިން ބުނެފައިވަނީ ޖައްރާރް ދޫކޮށްދެވެން ނެތްކަމަށެވެ. ޖައްރާރް ޖަލަށް ލާފައިވަނީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގަ އެވެ.
ޖައްރާރްގެ ދަރިފުޅު ސުހާ ޖައްރާރް ގެ އުމުރަކީ 31 އެވެ. ރާމަﷲ ގެ ވެސްޓް ބޭންކް ސިޓީގައި ހުންނަ ޖައްރާރުގެ ގޭގައި ސުހާ މަރުވެފައި އޮތްތަން ފެނުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
ސުހާ މަސައްކަތް ކުރަމުން ދިޔައީ ރާމަﷲ ގައި ހުންނަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އަލް ހަގް ކިޔާ އޯގަނައިޒޭޝަނެއްގެ ލީގަލް ރިސާޗާއެއްގެ އަދި ވަކީލެއްގެ ގޮތުގަ އެވެ.
ސުހާއަކީ އިޒްރާއީލާއި ދެކޮޅަށް ފަލަސްތީނު ރައްޔިތުން މިނިވަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ މީހެކެވެ. އަލް ހަގް އިން ބުނީ ސުހާ އަކީ ބިރެއް ނެތި ފަލަސްތީނު ރައްޔިތުންގެ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރި ފަރާތެއް ކަަމށެވެ.
ސުހާގެ މަންމަ ޖައްރާރް ޖަލުން ނެރެ ޖަނާޒާގައި ބައިވެރި ކޮށްދިނުމަށް އަލް ހަގް އިން އދ. ގައިވެސް އެދުނެވެ.
ޖައްރާރް އެންމެ ޖަލަށް ލީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މިއީ އޭނާ އިޒްރާއީލު ޖަލަށް ލި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ 1989 ވަނަ އަހަރު އެވެ. އެފަހަރު ޖަލުގައި ބަންދުކޮށް މަސް ދުވަސްވަންދެން ގެންގުޅުމަށްފަހު ޝަރީއަތެއް ނުހިންގައި ދޫކޮށްލީ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު 15 މަހަށް ޖަލަށް ހުކުމް ކުރި އެވެ. އެހެންނަމަވެސް ޖަލުން މިނިވަން ނުކޮށް އެތައް ދުވަހެއް ވަންދެން ގެންގުޅުމަށްފަހު ޖައްރާރް ދޫކޮށްލީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ. އޭގެ 9 މަސް ފަހުން އަނެއްކާވެސް ޖައްރާރް ހައްޔަރު ކުރި އެވެ. އޭރުއްސުރެއް އޭނާ ހުންނަނީ ޖަލުގަ އެވެ