ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ބަދަލުވެ ނަފްތާލީ ބެނެޓް އިޒްރާއީލުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑަގެންނެވުމަކުން ފަލަސްތީނަށް ހަމަޖެހުން ނުލިބޭނެ ކަމަށާއި ގާޒާގެ ރައްޔިތުންނަށް ދޭ ލާއިންސާނީ ހަމަލާތައް އިޒްރާއީލުން ހުއްޓައި ނުލާނެ ކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތަޔާހް ވިދާޅުވެއްޖެ އެވެ.
ޝްތަޔާހް މިފަދައިން ވިދާޅުވީ ގާޒާގެ އިރުމަތީ ޖެރުސެލަމްގައި އަގްސާ މިސްކިތް ހުންނަ ސަރަހައްދު އިޒްރާއީލު ރައްޔިތުން ހިފަން އެގައުމުގެ އާ ސަރުކާރުން ނިންމައި އެކަމަށް ގޮވާލާފައި ވަނިކޮށެވެ. އެކަމަށްޓަކައި ބާއްވާ ހާއްސަ އެއްވުމަށްވެސް އާ ބޮޑުވަޒީރު ބެނެޓް ވަނީ ރުހުން ދީފަ އެވެ.
ޝްތަޔާހް ވިދާޅުވީ އިޒްރާއީލުގެ އާ ސަރުކާރަކީ ނަތަންޔާހޫގެ ސަރުކާރާ މާ ބޮޑު ތަފާތެއް ހުރި ސަރުކާރެއް ކަމަށް ނުދެކޭ ކަމަށާއި ޖެރުސެލަމް ހިފަން ބެނެޓް ނިންމުމުން އެކަން ކުށްވެރި ކުރާކަމަށެވެ. ޖެރުސެލަމްގެ ބައެއް ސަރަހައްދުތައް ހިފައި އެތައް ހާސް ޔަހޫދީންނެއް މިހާރުވެސް ދަނީ އެތަނުގައި ދިރިއުޅެމުންނެވެ.
އިޒްރާއީލުގެ އާ ބޮޑުވަޒީރު ބެނެޓް އަކީ ނަތަންޔާހޫގެ ކުރީގެ ޗީފް އޮފް ސްޓާފް އެވެ. އެހެންނަމަވެސް ފަހުން ދެމީހުންގެ ގުޅުން ގޯސްވެ ބެނެޓް ވަނީ ނަތަންޔާހޫގެ އެންމެ ބޮޑު ސިޔާސީ ދުޝްމަނަށް ބަދަލުވެ އިދިކޮޅު ހަރަކާތުގައި އިސްކޮށް ނިކުންނަވައިފަ އެވެ.
ވެރިކަން ބަދަލުވުމާއިއެކު ބެނެޓް ވަނީ ގާޒާގެ ބިމަކީ އިޒްރާއީލުގެ ބިމެންކަމަށާއި އެތަން އިޒްރާއީލުގެ ރައްޔިތުންނަށް ހޯދައިދޭން ނަތަންޔާހޫ ނުކުޅެދިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ގާޒާއަށް ދޭ ހަމަލާތައްވެސް ވަރުގަދަ ކުރާނެ ކަމުގެ އިޝާރާތެއް ބެނެޓް ވަނީ ކުރައްވައިފަ އެވެ.
ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވުމާއިއެކު ދުނިޔޭގެ ގިނަ ލީޑަރުން ވަނީ ބެނެޓަށް މަރުހަބާ ވިދާޅުވެފަ އެވެ. ބައެއް ލީޑަރުންގެ ތަހުނިޔާގެ މެސެޖުގައި ވަނީ އިޒްރާއީލުން މަސައްކަތް ކުރަންވާނީ ފަލަސްތީނާއިއެކު ސުލްހަ ގާއިމްކޮށް "ދެ ދައުލަތުގެ" ހައްލަކަށް ދިޔުމަށް ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާއިންވެސް ވަނީ މިފަދައިން އެދިފަ އެވެ. އެހެންނަމަވެސް "ދެ ދައުލަތުގެ ސުލްހަ" އަކީ އިޒްރާއީލުގެ އާ ސަރުކާރުންވެސް ގަބޫލު ކުރާ ކަމެއްނޫންކަން ބެނެޓްގެ ނިންމުންތަކުން ދަނީ ދޭހަވަމުންނެވެ.
ފަލަސްތީނުގެ ބިންތައް ހިސޯރު ކުރަމުން އައިސް އިޒްރާއީލުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ފަލަސްތީނުގެ 75 އިންސައްތަ ބިންތައް ޔަހޫދީންނަށް މިލްކުކޮށްދީފަ އެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ އަގްސާ މިސްކިތް ހުންނަ ޖެރުސެލަމް ސަރަހައްދު ހިސޯރުކޮށް އެތަނުގައި އިޒްރާއީލުން ވެރިކަން ކުރުމަށެވެ. އެހެންނަމަވެސް މުސްލިމުންގެ މުގައްދަސް އަގްސާ މިސްކިތް އިޒްރާއީލުން ހިސޯރު ކުރުމާއި ފަލަސްތީނު ސަރުކާރާއި ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.
+1
+1
+1
+1
+1
1
+1
އިޒުރޭލަކީ ޔަހޫދީ ދައުލަތެއް، އެމީހުން ރަގަޅެއް ނުވާނެ