މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކުގެ ވެރިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އޮންލައިންކޮށެވެ. މިބައްދަލުވުމުގައި ސެލޫންތަކުގެ ވެރިން ވަނީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއިހެދި ސެލޫންތައް ހިންގަން ދިމާވެފައިވާ ދަތިތައް ރައީސްއާއި ހިއްސާކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދޭއިރު ސެލޫންތަކަށް ދިމާވެފައިދާ ދަތިތަކަށް ރިއާޔަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިތު އަރުވާފައިވާ ކަމަށެވެ.
ކޮވިޑުގެ ސަބަބުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކުގެ ހިދުމަތްތައް މެދުކަނޑާލައި އެތަންތަން ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. އޭގެ ފަހުން މަހަކަށްވުރެއް ގިނަ ދުވަސްވެފައިވާއިރު ސެލޫންތައް ހުޅުވުމުގެ ހުއްދަ އަދިވެސް ނުދެ އެވެ.
މެއި މަހުގެ 6 ވަނަ ދުވަހު އެޅި ފިޔަވަޅުތަކުގައި ވަނީ މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިނިންގެ ހިދުމަތް ދިނުންވެސް މަނާކޮށްފަ އެވެ. އެތަންތަނުގައި މިހާރު ދެމުން އަންނަނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. މިފިޔަވަޅުތައް ދިގު މުއްދަތަކަށް ދެމިގެންދާތީ ކުދި ވިޔަފާރިތަކަށް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.
ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނައިރު ސަރުކާރުން ދަނީ އަންނަ ހަފްތާގެ ތެރޭގައި ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޝްވަރާ ކުރަމުންނެވެ. މީގެ ކުރިން ސަރުކާރުން ވަނީ ބޮޑު އީދު ބަންދު އަންނަ މަހުގެ ތެރޭގައި އަންނައިރު އެ ޗުއްޓީގައި ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެހެންކަމުން އަންނަ މަހުގެ ނިޔަލަށް މާލެއިން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަކަށް ނުބެލެވެ އެވެ.