ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ގެނައި އެންޓި ޑިފެކްޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅި މި ބިލަށް ގިނަ އިސްލާހުތަކެއް އެ މަސަައްކަތަށް އެކުލަވާލި ކޮމިޓީން ގެނަ އެވެ. މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮންޑި ގެއްލޭ ގާނޫނެއް ގެނައުމަށް 33 މެމްބަރަކު ވޯޓު ދިން އިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ 06 މެމްބަރުންނެވެ.
އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ ގޮތަށް ނެގި ކޮމިޓީން ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ގޮނޑި ގެއްލޭނެކަމަށް ގާނޫނުގައި ބުނި ނަމަވެސް އެ މެމްބަރަކު އަމިއްލައިން އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާން ކުރުމެވެ. އަދި އެ މެމްބަރަކު ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައި ވަނީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގައި އާއި، އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތެއްގަ އެވެ.
މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިހުތިޔާރީކަމެއްގެ ގޮތަށް ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނެތެވެ.
މި ގޮތަށް ބިލު ބަދަލުކޮށްފައި ވަނީ ރިކޯލް ވޯޓެއް ނަގާނަމަ ބައި- އިލެކްޝަންތަކަށްދާ ހޭދަ އިތުރުވާނެތީ އެއީ ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމެއް ކަމަށްވާތީ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.