ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.3 މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސް އިން ވިދާޅުވީ މާރިޗް 20 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ދެ ޕެކޭޖްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން(Synthetic Cathinone) އަށް ވަނީ ފައްސި ވެފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯގުރާމް ހުރިއިރު، ދެވަނަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 210 ގުރާމް ހުއްޓެވެ.
ކަސްޓަމްސްއިން ވިދާޅުވީ މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.3 ކިލޯގުރާމް ހުންނަ އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.